ޓީ.ޖީ.އެސް.ޓީ އާއި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، ދައުލަތުގެ ޖުމްލަ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް” ރިޕޯޓުގައިވާ ގޮތުން، މި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 30.879 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ޓީ.ޖީ.އެސް.ޓީ މެދުވެރިކޮށެވެ. އެއީ 8.062 ބިލިއަން ރުފިޔާއެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.172 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު މި ދާއިރާއިން ކުޑަ ދަށްވުމެއް ފެނުނު ކަމުގައި ވިޔަސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. މީގެއިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރުވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 21.2 އިންސައްތަ އިތުރުވެ 5.782 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 އިންސައްތަ އިތުރުވެ 2.513 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. އަދި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) 2.8 އިންސައްތަ އިތުރުވެ 4.132 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 8.1 އިންސައްތައިގެ ކުރިއެރުމަކާއެކު 1.552 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މުދަލުން ލިބުނު އާމްދަނީ 13.5 އިންސައްތަ އިތުރުވެ 1.948 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެއިތުރުން ދައުލަތަށް ލިބުނު ހިލޭ އެހީގެ އަދަދު ވަނީ 84.7 އިންސައްތަ މައްޗަށް ގޮސް، 0.513 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ހަރަދުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 35.456 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހިންގުމުގެ ހަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު 14.1 އިންސައްތަ އިތުރުވެ، 5.555 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
މީގެއިތުރުން ހިންގުމުގެ އެހެނިހެން ހަރަދުތަކަށް ބަލާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތައް 23.8 އިންސައްތަ އިތުރުވެ 18.539 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ހިލޭ އެހީއާއި ސަބްސިޑީއަށް ކުރި ހޭދަ 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރެއިން ސަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް، އަދި އާސަންދައަށް ކުރި ހަރަދު 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ (ކެޕިޓަލް އެކްސްޕެންޑިޗާ) އަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެ ހަރަދު ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ އިތުރުވެ 1.453 ބިލިއަން ރުފިޔާއަށް، ފާލަމާއި ބަނދަރު ހެދުމުގެ މަސައްކަތްތަކަށް ކުރި ހަރަދު 38.4 އިންސައްތަ އިތުރުވެ 0.333 ބިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ހިނގި ހަރަދު 37.5 އިންސައްތަ އިތުރުވެ 0.945 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދުވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ.