ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އަގު ފެންނަން ނުހުންނަނަމަ، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު އިންޒާރު ދީފިއެވެ.
މިނިސްޓްރީން ޝާއިއުކުރި އިއުލާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިހާރަތަކާއި އެކި ވިޔަފާރި މަރުކަޒުތަކުގައި ވިއްކަން ހުންނަ ގިނަ މުދަލުގައި، ކަސްޓަމަރުންނަށް ސާފުވާނޭހެން އަގު ޖަހާފައި ނުހުންނަ މައްސަލައިގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ވިއްކާ މުދަލުގެ އަގު ކަސްޓަމަރަށް ސާފުކޮށް އެނގެން ނެތް ގޮތަކަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. މުދަލުގައި އަގު ސާފުކޮށް ހުރިކަމަށް ބެލެވޭނީ، ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ޓެގް ހަރުކޮށްގެންނެވެ. ނުވަތަ އެ މުދަލެއް ބަހައްޓާފައިވާ ހަރުގަނޑުގައި ނުވަތަ ތަނުގައި އަގު ސާފުކޮށް ފެންނަން ހުރުމުންނެވެ.
އެހެންކަމުން، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ މުދަލެއްގެ ވެސް އަގު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަށް މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނަށް ގޮވާލާފައެވެ.
ގާނޫނުގައިވާ ގޮތުން މި އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކަކީ:
ފުރަތަމަ ފަހަރު: -/1,000 ރުފިޔާއާއި -/100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އިސްލާހުކުރުމަށް ވަކި މުއްދަތެއް ދިނުން.
ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު: -/1,500 ރުފިޔާއާއި -/250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އިސްލާހުކުރުމަށް މުއްދަތެއް ދިނުން.
ދެވޭ މުއްދަތުގައި އިސްލާހު ނުކޮށްފިނަމަ: -/5,000 ރުފިޔާއާއި -/250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ވިޔަފާރިއެއް ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުން.