މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި” ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް “ރިޕޯޓުގައިވާ ގޮތުން، މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ބަލައިގެންފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 0.7 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ތިމާވެށްޓާ ގުޅުންހުރި ތަރައްގީގެ އެކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައި ގްރީން ޓެކްސް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
މި ޓެކްސް ނަގަމުންދަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ ފަދަ ޓޫރިސްޓް އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރާ ބޭރުގެ ފަތުރުވެރިންގެ އަތުންނެވެ.
ގްރީން ޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ރިސޯޓުތަކާއި، ހޮޓާތަކާއި އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 އެމެރިކާ ޑޮލަރު ނަގައެވެ. އަދި ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ނަގަނީ ދުވާލަކަށް 6 އެމެރިކާ ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާވަނީ ހަމައެކަނި އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިންނެވެ.
ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި މިވަގުތު ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓަލާއި، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އަންނަނީ ހިދުމަތް ދެމުންނެވެ.