ވިޔަފާރި

ރައްޔިތުންގެ ހިއްސާވާ 10 ރިސޯޓުގެ މަޝްރޫއަކީ ވަރަށް ބޮޑު އުންމީދެއް: އަފީފް

ރައްޔިތުންގެ ހިއްސާވާ 10 ރިސޯޓުގެ މަޝްރޫއަކީ ވަރަށް ބޮޑު އުންމީދެއް: އަފީފް

ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ތަރައްގީކުރުމަށް ނިންމާފައިވާ 10 ރިސޯޓުގެ މަޝްރޫއަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ މުހިންމު ކަމެއް ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް މިފަދަ މަޝްރޫއެއް ހިންގުމަކީ، ފަތުރުވެރިކަމުގެ ސީދާ މަންފާ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއް ކަމަށެވެ. މި ދާއިރާގައި ބައި ގަރުނަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި އަފީފް ވަނީ މިއީ އެމަނިކުފާނު ނުހަނު ބޮޑަށް އުންމީދުކުރައްވާ ކަމެއްކަން ފާހަގަކުރައްވައި، މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

“މިކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރާ ކަމެއް. އަދި މި މަސައްކަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން،” އަފީފް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 54 އަހަރު ފުރިފައިވާއިރު، މި ސިނާއަތުން ލިބޭ އާމްދަނީ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ މަގު ފަހިކޮށްދިނުމަކީ ރާއްޖޭގެ އިގުތިސާދީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ރިސޯޓުތަކުން ލިބޭ ފައިދާ، ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް ފައިދާ ލިބެން ފަށާނެއެވެ. އެގޮތުން އެވްރެޖުކޮށް ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ފަސް މީހުންގެ އާއިލާއަކަށް ބަލާނަމަ، 10 ރިސޯޓުގެ ހިއްސާދާރުންނަށް ވުމުގެ އިތުރުން އަހަރަކު މަދުވެގެން 2،000 ޑޮލަރު އެ އާއިލާއަކަށް ލިބިގެންދާނެއެވެ. ސަރުކާރުން މިހާރު ދަނީ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ދުވެއްޔެއްގައި އަޅަމުންނެވެ.

މި މަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓޫރިޒަމް ވިޔަފާރި ކުރެވޭނެ މަގު ފަހިކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މިދިޔަ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ މިފަދަ މަޝްރޫއުތަކަށް ސަރުކާރު ކުންފުނިތަކަށް ފަސޭހަކަމާއެކު ރަށްރަށާއި، ބިމާއި، ފަޅުތައް ދޫކުރުމުގެ ބާރު ލިބިގެންދެއެވެ. މިއާއެކު، ރައްޔިތުންނަށް ސީދާ މަންފާ ލިބިދޭނެ އާ އިގުތިސާދީ މޮޑެލެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top