ސިޔާސީ

ޕެރޯލް ބޯޑުގެ 6 މެންބަރަކު ވަކިކޮށް، އަބުޗާ އަލުން ހައްޔަރުކޮށްފި

ޕެރޯލް ބޯޑުގެ 6 މެންބަރަކު ވަކިކޮށް، އަބުޗާ އަލުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ފަހު، އޭނާ އަލުން ހައްޔަރުކޮށް، ޕެރޯލް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރަކު އެ މަގާމުން ވަކިކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ނެޓްވޯކެއްގެ އިސް މޭސްތިރިއެއް ކަމަށް ތުހުމަތުކުރެވޭ އަބުޗާ، ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ މޭ 19 ގައި ޕެރޯލްގެ ދަށުން ދޫކޮށްލުމާ ގުޅިގެން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
މި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުޝްރީން އަހުމަދު ވިދާޅުވީ، އަބުޗާ ދޫކޮށްލީ ޕެރޯލް ބޯޑުގެ ނިންމުމަކަށް ކަމަށާއި، އެއީ ކަރެކްޝަންސްގެ އެއްވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު އެ ބޯޑުން ނިންމި ނިންމުމެއް ކަމަށެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އަބުޗާ އަލުން ހައްޔަރުކުރީ އޭނާ މިނިވަންކުރަން ނިންމި ނިންމުން އަލުން މުރާޖައާ (ރިވިއު) ކުރުމަށް އެންގުމުން، ޕެރޯލް ބޯޑުން ކުރީގެ ނިންމުން ބާތިލުކުރުމާ ގުޅިގެން ކަމަށެވެ. އަދި ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކުރަން ނިންމެވީ އެ ބޭފުޅުންގެ ކުށެއް އޮވެގެން ނޫން ނަމަވެސް، މިފަދަ ބޮޑު ނިންމުމެއް ނިންމެވި މެންބަރުންތަކެއް އެ ބޯޑުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަބުޗާގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލު:
ކަނޑުމަގުން އައްޑޫ ސިޓީއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 2020 ވަނަ އަހަރު އަބުޗާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް، ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ލިބުނު ލުޔާއެކު، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top