ސިޔާސީ

ޔާމީންއަށްވުރެ ޚަލީލް ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް

ޔާމީންއަށްވުރެ ޚަލީލް ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވުރެ ބޮޑަށް، ކުރީގެ ފޮރިން އަދި ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރަސްމާލެ މަޝްރޫޢާ ދެކޮޅު ހެއްދެވުމަކީ ޙައިރާންވާ ކަމެއް ކަމުގައި ވިދާޅުވެއްޖެއެވެ. މީގެ ކުރިން ތަފާތު ގޮތަކަށް ހީކުރެވުނުކަން ފާހަގަކުރައްވައި ފަލާޙް މިފަދައިން ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ޑރ. ޚަލީލް އެކްސް ގައި ޝާއިޢުކުރެއްވި މެސެޖަކާ ގުޅިގެންނެވެ.
ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ފާހަގަކުރެއްވީ، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤީގެ ދުވެލީގައި ކުރިއަރައި ދިއުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި މިފަދަ މަޝްރޫޢުތައް ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، މަޝްރޫޢު ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ޢާންމުވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ރަސްމާލެ މަޝްރޫޢަކީ އާދަޔާޚިލާފަށް ބޮޑު މަޝްރޫޢެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ އިންވެސްޓްމަންޓާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ބޮޑެތި އަދި ޙައްސާސީ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ޑރ. ޚަލީލް ވިދާޅުވީ، ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރަން ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންޖެހޭ ކަމަކީ އެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެ ފަދަ ޖަވާބުތަކެއް ދިނުން ކަމަށެވެ. އެގޮތުން ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ މުހިންމު ސުވާލުތަކެއް އުފައްދަވާފައެވެ.
އެ ސުވާލުތަކުގެ ތެރޭގައި ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކުރި މިންވަރާއި، އެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ އާއި، އިންވެސްޓްމަންޓުން އަޕްފްރަންޓް ޕޭމަންޓެއް ލިބޭތޯ އަދި އެއީ ކިހާ މިންވަރެއްތޯ ހިމެނެއެވެ. މީގެއިތުރުން، އިންވެސްޓްކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރައްވައި، ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ވިޔަފާރީގެ ޓެކްސް ނުހިމަނައި މަޝްރޫޢުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބެނީ ކޮން އެއްޗެއްތޯ އަދި އެއީ ކިހާ މުއްދަތެއްގެ ތެރޭގައިތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
ހަމައެއާއެކު، ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމަށްތޯ އާއި، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ފެށޭތޯ އަދި 5،000 ހައުސިންގ ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ ސާފުކުރަން ޖެހޭ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. އަދި މި އިންވެސްޓްމަންޓުގެ ސަބަބުން ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ޙައްޤަކަށް އުނިކަމެއް އާދޭތޯ އާއި، ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ މިފަދަ ކަންކަމަށް ސަރުކާރުން އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމު ކަމަށްވެސް އޭނާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ފަލާޙުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. ޚަލީލް ފަހުން ވިދާޅުވީ، ޚުލާޞާކޮށް ދަންނަވާނަމަ އޭނާ ފާހަގަކުރެއްވީ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނަންޖެހޭ ވާހަކައާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައިދޭންޖެހޭ ވާހަކަ ކަމަށެވެ. އަދި އެ ދެ ވާހަކަ އެގޮތަށް ވިދާޅުވުމަކީ ރަސްމާލެ މަޝްރޫޢާ ދެކޮޅުވުން ކަމަށް ބަލާނަމަ، ދެން ރައްޔިތުން ހަނު ތިބެންޖެހޭނެތޯ ސުވާލު އުފައްދަވައި އޭނާ ވަނީ ރައްދު ދެއްވާފައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top