އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިންގ ޔުނިޓަކީ ސަރުކާރުން އެ ކުންފުންޏަށް އަގު އަދާކުރަންޖެހޭ ތަންތަން ނޫން ކަމަށާއި، އެ މަޝްރޫޢަށް ހިނގާ ޚަރަދު ހަމަޖައްސާނީ ރަސްމާލޭގައި ކުރިއަށްގެންދާ ‘މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ’ މަޝްރޫޢުގެ މަންފާއިން ކަމަށް އެ ކުންފުނީގެ މުއައްސިސު އަދި ޗެއާމަން މުޙައްމަދު ޢަލީ އަލްޢައްބާރު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި އަލްޢައްބާރު ވިދާޅުވީ، މި މަޝްރޫޢަށް ހިނގާނެ ކަމަށް ލަފާކުރެވޭ 500 މިލިއަން ޑޮލަރަކީ މުޅިންވެސް އެ ކުންފުނިން އަމިއްލައަށް ކުރާ ޚަރަދެއް ކަމަށެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ސަރުކާރަށް ދޫކުރާ ލޯނެއް ނޫންކަން އޭނާ ސާފުކޮށްދެއްވިއެވެ.
އަލްޢައްބާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮންނާނީ ދިވެހި ސަރުކާރަށެވެ. އީގަލް ހިލްސްއިން ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ޔުނިޓުތައް ވިއްކާނެ އަގާއި، އެތަންތަން ޙަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނީ ދިވެހި ސަރުކާރަށް ކަމުގައި ވިދާޅުވިއެވެ.
މި މަޝްރޫޢަކީ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު އެކުލަވައިލެވިފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ (ކޮމާޝަލް ޓާމްސް) ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން، މި މަޝްރޫޢަށް ޚަރަދުވާ 500 މިލިއަން ޑޮލަރަކީ، ވިއްކުމަށް ހަމަޖެހިފައިވާ ޕްރޮޕަޓީތަކުގެ އަގުން ސަރުކާރަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދުރާލައި ދެއްކުމަށް ނިންމާފައިވާ %10 ގެ އެޑްވާންސް ފައިސާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މިއީ އޭނާގެ އިތުރުން ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށްވެސް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ މަޝްރޫޢެއްކަން ފާހަގަކުރައްވަމުން، މި މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އީގަލް ހިލްސްއިން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަލްޢައްބާރު ދެއްވިއެވެ.
އަދި ހަމައެއާއެކު، މި މަޝްރޫޢުގެ ފައިދާ ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުގައި އިންވެސްޓްކުރުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލެވިފައިވާކަން ހާމަކުރެއްވިއެވެ. މީގެއިތުރުން، މަޝްރޫޢުގެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންގެ ގޮތުގައި އިސްކަންދޭނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ގިނަގުނަ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމުގެ ޔަޤީންކަން އަލްޢައްބާރު ވަނީ އަރުވާފައެވެ.