ވިޔަފާރި

މޯލްޑިވިއަންގެ ޒަމާނީ އައު ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންގެ ޒަމާނީ އައު ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަރައްޤީކުރި ޒަމާނީ އައު ސީޕްލޭން ޓާމިނަލް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޓާމިނަލް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، އެ އެއާލައިންގެ ސީޕްލޭން ޚިދުމަތް ފެށިފަހުން މިހާތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން، އަންނަ އަހަރުގެ ތެރޭގައި މޯލްޑިވިއަންގެ ފްލީޓަށް މުޅިން އައު ދެ ސީޕްލޭން އިތުރުކުރެވޭނެ ކަމަށާއި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިދިޔަ އޯގަސްޓު މަހު ސޮއިކުރެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ސަގާފީ ވެށި ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ޒަމާނީ ޓާމިނަލަކީ ފުރިހަމައަށް އެއާކޮންޑިޝަން ކުރެވިފައިވާ ތަނެކެވެ. މި ޓާމިނަލްގެ އެތެރޭގައި އެއްފަހަރާ 90 ފަސިންޖަރުންނަށް އަދި ބޭރު ސަރަހައްދުގައި 40 ފަސިންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

ދެ ފަންގިފިލާއަށް އެކުލެވޭ މި ޓާމިނަލްގައި ފަސިންޖަރުންނަށް ބޭނުންވާނެ އެކި ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ހަނދާނީ ހަދިޔާ އަދި ކާބޯތަކެތި ލިބޭނެ ކިއޮސްކުތަކުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަށް އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ރީސައިކަލް ކުރެވޭނެ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން، މަތީ ފަންގިފިލާގައި މޯލްޑިވިއަންގެ “ހުވަނދުމާ” ލައުންޖާއެކު ޚާއްސަ ދެ ޕްރައިވެޓް ލައުންޖަކާއި، ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަހައްދެއްވެސް ވަނީ ހަމަޖައްސާފައެވެ.

މިވަގުތު މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި 11 ޓްވިން އޮޓާ މަތިންދާބޯޓު އޮޕަރޭޓް ކުރަމުންދާއިރު، އެ އެއާލައިނުން ދަނީ ރާއްޖޭގެ ހަތަރު މަންޒިލަކަށް ސީޕްލޭންގެ ދަތުރުތައް ބާއްވަމުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top