ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެއްކޮށް ހައްލުކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކަކަށްފަހު ވަޒީރުންނާއެކު ބޭއްވި ” އަހާ “ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 1980 ގެ އަހަރުތަކުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށްވެސް މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާ މައްސަލައެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިސްޓަމްގައި ރެކޯޑުކުރެވިފައި ތިބީ 295،000 ބިދޭސީން ކަމަށެވެ. އަދި އޭގެ ތެރެއިން އިނގިލީގެ ނިޝާން (ފިންގަރޕްރިންޓް) ނަގައި، ކާކުކަން ކަށަވަރުކުރެވިފައިވަނީ އެންމެ 22،000 މީހުންގެ ކަމަށް ވީނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތުން މިހާރު 260،000 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު ކަށަވަރުކޮށް ވެރިފައިކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މިހާރު ރާއްޖޭގައި ބަޔޯމެޓްރިކްސް ދެނެގަނެވިފައިނުވާނީ ބިދޭސީ އާބާދީގެ އެންމެ 1 އިންސައްތަ މީހުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޅި ދުނިޔެއަށް ބަލާއިރުވެސް ގައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން މައުލޫމާތު ފުރިހަމައަށް ނޭނގޭ މީހުންގެ ނިސްބަތް 1 އިންސައްތައިގެ ތެރޭގައި ހިފެހެއްޓިފައިވަނީ އެންމެ ތިން ގައުމެއްގައި ކަމަށެވެ. އެއީ ދިވެހިރާއްޖެ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
މީގެއިތުރުން، ރާއްޖޭގައި ބިދޭސީން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަޙައްދުތައް ދެނެގަނެ، އެތަންތަނުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.