މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ ބޭރުގެ އެންމެ ބިޔަ އެއް އިންވެސްޓްމަންޓް މަޝްރޫޢެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އީގަލް ހިލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ މިއީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ އުއްމީދީ މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ.
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަރައްޤީ އައު އުސްމިންތަކަކަށް ގެންގޮސްދީ، ޤައުމުގެ އިޤްތިޞާދީ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓްމަންޓްތަކުގެ ޖުމްލަ އަގު 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖެއަށް ސާފު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އަދި މި މަޝްރޫޢު އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރެއްގެ މައްޗަށް 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ޤައުމުގެ އިޤްތިޞާދަށް ވަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުން ޙައްލުކުރުމުގެ މަޤްޞަދުގައި، 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ގާތްގަނޑަކަށް 65،000 ބޯހިޔާވަހިކަމުގެ ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ “ރަސްމާލެ” މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ ބިން ހިއްކުމުގެ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ.
ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު އެހެނިހެން ދާއިރާތަކަށް ފުޅާކޮށް ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މާލީ މަރުކަޒެއް (ފައިނޭންޝަލް ސެންޓަރެއް) ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ވެސް މިދިޔަ އަހަރުގެ މެއި މަހު ވަނީ ސޮއިކޮށްފައެވެ.
އީގަލް ހިލްސްއަކީ، ދުނިޔޭގެ އެންމެ އުސް ޢިމާރާތް ކަމަށްވާ ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ފަދަ މަޝްހޫރު ބިނާތައް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ، މުޙައްމަދު އަލްޢައްބާރުގެ އަމިއްލަ ކުންފުންޏެކެވެ. މި ކުންފުންޏަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފެންވަރު ރަނގަޅު ވޯޓަރފްރަންޓް މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.