ސިޔާސީ

ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓްތަކުގެ %50 މީހުން ކުލި ނުދައްކާ: އެޗްޑީސީ

ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓްތަކުގެ %50 މީހުން ކުލި ނުދައްކާ: އެޗްޑީސީ

ހުޅުމާލޭގައި ތަރައްޤީކޮށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ތެރެއިން 50 އިންސައްތަ ފަރާތްތަކުން ޤަވާއިދުން ކުލި ނުދައްކާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވި” އަހާށޭ ބުނާނަން “ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި 12،000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އެބަހުރި ކަމަށެވެ. އަދި އެކި ސަބަބުތަކާއި މާލީ ހާލަތު ހުންނަ ގޮތުން، މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ، 172 ޑިވެލޮޕްމަންޓެއްގެ ދަށުން ހުޅުމާލޭގައި ސެމީ-ލަގްޒަރީ އަދި ލަގްޒަރީ އެޕާޓްމަންޓްތަކުގެ ގޮތުގައި ޖުމްލަ 12،831 ޔުނިޓް ހިމެނޭ ކަމަށެވެ. މީގެ އިތުރުން މިހާރުވެސް ސެމީ-ލަގްޒަރީގެ 1،763 ޔުނިޓަކާއި، ލަގްޒަރީ ގިންތީގެ 1،400 ޔުނިޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ސޯޝަލް ހައުސިންގ ޔުނިޓްތައް ނަހަމަ ގޮތުގައި ކުއްޔަށް ދޫކުރާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޒުހައިރު ވިދާޅުވީ، ފްލެޓްތައް ކުއްޔަށް ދީފައިވޭތޯ ބެލުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ބޭރު މީހުންނަށް ކުއްޔަށް ދީފައިވާ ކަމަށް ފާހަގަކުރެވުނު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެތަންތަން ހުސްކުރުމަށް އެންގި ކަމަށާއި، ގިނަ ފަރާތްތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން އެ ކުންފުނިން އަބަދުވެސް މޮނިޓަރކޮށް، އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިޔާ ޓަވަރުތަކުގެ އެއްބަސްވުމުގައިވާ މުއްދަތަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ ވަނީ މަޢާފްކޮށްދީފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މަޢާފްކޮށްދީފައެވެ.

ހިޔާ މަޝްރޫޢުގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާ އެކު، ކޮންމެ އެޕާޓްމަންޓަކުން މަހަކު އެޗްޑީސީއަށް ދައްކަން ޖެހެނީ 4،984 ރުފިޔާއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top