އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
މިގޮތުން، މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމާ ގުޅިގެން އެ ކުންފުނީގެ ޗެއާމަންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްއެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިނާނެވެ. އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވީ މިދިޔަ މަހުގެ ތެރޭގައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯނެޓް ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދެ ކުންފުނީގެ ހިންގުން އެއް ނިޒާމަކުން ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
އެގްރޯނެޓް، މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމެވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. މި ނިންމެވުން ހާމަކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލާއެކު ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި ތަރައްޤީކުރަމުން އަންނަ” މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް “ގެ ހިންގުން ވެސް މިފްކޯގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިންނާއި ދަނޑުވެރިންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ޚަރަދުކުޑަ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.