ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި “ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2026” ގައި، އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފާއެކު ރާއްޖެއިން ފަޚުރުވެރި ފަސް އެވޯޑެއް ހާސިލުކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ކާމިޔާބުކުރި މުހިންމު އެވޯޑުތަކަކީ:
- އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2026
- އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2026
މީގެ އިތުރުން، އިންޑިއަން އޯޝަންސް ލީޑިންގ ޓޫރިސްޓް ބޯޑުގެ ޝަރަފުވެރި އެވޯޑު ލިބިފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަށެވެ.
ދުނިޔޭގެ 40 އަށް ވުރެ ގިނަ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން ވިދާޅުވީ، 1972 ވަނަ އަހަރު އެންމެ ދެ ރިސޯޓާއެކު ފެށުނު ރާއްޖޭގެ ފަތުރުވެރިކަން މިއަދު ވެފައިވަނީ މުޅި ދުނިޔެވެސް ބަލައިގަންނަ ފަދަ ކާމިޔާބު މިސާލަކަށް ކަމަށެވެ. އަދި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި ވިޒިޓް މޯލްޑިވްސްއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފައުންޑަރ އަދި ޕްރެޒިޑެންޓް ގްރަހަމް ކުކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.