މާލޭ ގަލޮޅު ގެއެއްގެ އެޕާޓްމަންޓަކަށް ގަދަކަމުން ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ ކ. މާލެ، ގ. ޤަޞްރު، ޠަލާލް މުޙައްމަދު (41އ) އަދި މ. މުލި، ނައިޓްރޯސް، އަޙްމަދު ޢުބައިދު (46އ) އެވެ.
މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ، ގަލޮޅުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނެތި ވަދެގަނެ، އެތަނުގައި ތިބި މީހުން ޣައިރުޤާނޫނީ ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައިގެން ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.