ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ ޓާމިނަލް 2، ބައިނަލްއަގުވާމީ ދަތުރުވެރިންގެ ޗެކް-އިން އޮޕަރޭޝަންތަކަށް 25 އޮކްޓޫބަރު 2026 އިން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު، ކުރިއަށް އޮތް ވިންޓަރ ސީޒަނުގައި 10 އެއާލައިނެއްގެ ޗެކް-އިން މަސައްކަތްތައް ކުރިއަށްދާނީ މި ޓާމިނަލްގައެވެ. މިއީ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ދަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ވީ.އައި.އޭގެ ދެ ޕަސިންޖަރ ޓާމިނަލްވެސް ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

މިގޮތުން، 25 އޮކްޓޫބަރުން ފެށިގެން ނިއޯސް، އެއިރޯފްލޮޓް، ޔޫ.އެސް-ބަންގްލާ އެއާލައިންސް، ސެންޓްރަމް އެއާ، އަޒޫރު އެއާ، އެސް.7 އެއާލައިންސް (ސައިބީރިއާ)، ޝިރާކް އެވިއާ، ކުވައިތު އެއާވޭސް، ގުލިވް އެއާ އަދި ފްރެންޗް ބީ އިން ދަތުރުކުރާ ފަސިންޖަރުން ޗެކް-އިން ކުރަން ޖެހޭނީ ޓާމިނަލް 2 ގައެވެ. މި އެއާލައިންތަކުގެ ޚިދުމަތްތައް މުޅި ސީޒަނުގައިވެސް ކުރިއަށްދާނީ މި ޓާމިނަލްގައެވެ.
ކުރީގެ ބައިނަލްއަގުވާމީ ޓާމިނަލް (ޓާމިނަލް 2) ބޮޑެތި މަރާމާތުތަކަކަށްފަހު ފެބްރުއަރީ 2026 ގައި އަލުން ހުޅުވީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެންނެވެ. މި ޓާމިނަލްގައި 27 ޗެކް-އިން ކައުންޓަރާއި، އާ ބެގޭޖް ބެލްޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އިތުރުން، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމުކޮށްފައިވެއެވެ. ބައިނަލްއަގުވާމީ ދަތުރުވެރިންނަށް މި ވަސީލަތްތައް ބޭނުންކުރަން ފެށުމުން، އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.
25 އޮކްޓޫބަރު 2026 އިން ފެށިގެން، އިސްވެ ދެންނެވުނު އެއާލައިންތަކުން ދަތުރުކުރާ ފަސިންޖަރުން ޗެކް-އިން ކުރުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި، ފުރަން ދިއުމުގެ ކަންކަމަށް އެކަށީގެންވާ ވަގުތު ހޯދުމަށް އިލްތިމާސްކުރަމެވެ. ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ ދަނޑިވަޅެއްގައި، އެމް.އޭ.ސީ.އެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ދަތުރުވެރިންނަށް ރައްކާތެރި، ހަލުވި އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.