ޚަބަރު

ރަސްމާލޭގެ އެއްވެސް މިލްކިއްޔާތެއް އިސްރާއީލުގެ ފަރާތްތަކަށް ނުގަނެވޭނެ: ވަޒީރު ޑރ. މުއްތަލިބް

ރަސްމާލޭގެ އެއްވެސް މިލްކިއްޔާތެއް އިސްރާއީލުގެ ފަރާތްތަކަށް ނުގަނެވޭނެ: ވަޒީރު ޑރ. މުއްތަލިބް

ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ އެއްވެސް ޢިމާރާތެއް ނުވަތަ މިލްކިއްޔާތެއް، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ޤައުމާ ގުޅުންހުރި އެއްވެސް ކުންފުންޏަކަށް ނުގަނެވޭނެ ފަދަ ހަރުދަނާ އުޞޫލުތަކެއް ޤާއިމުކުރައްވާނެ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ލިންކްޑްއިންގައި ޙިއްޞާކުރެއްވި ލިޔުމެއްގައި ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެސް، ރަސްމާލެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ބިން މިލްކުކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށާއި، ބިން ދޫކުރެވޭނީ ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ހުއްދަދެވޭ ފަރާތްތަކަށް ހަމައެކަނި ކުއްޔަށް (ލީސް އުޞޫލުން) ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި، ހިއްސާދާރުންނާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ވިއްކުމުގެ އެޖެންޓުންގެ ގޮތުގައި ވެސް އިސްރާއީލާ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ބައިވެރިނުކުރެވޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕްރޮޕަޓީ ގަންނަ ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަމުގެ މަޢުލޫމާތު ތެދުވެރިކަމާއެކު ހާމަކުރުން ލާޒިމުވާނެ ކަމަށާއި، އެފަދަ މަޢުލޫމާތެއް އޮޅުވާލައިފިނަމަ، އެއްބަސްވުން ބާޠިލުކޮށް، އެ ޕްރޮޕަޓީއަކާއި ދައްކާފައިވާ ފައިސާ ދައުލަތަށް ނެގޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަކިވަކި ޤައުމުތަކުގެ ފަރާތްތަކަށް ނުވަތަ ވަކި ފަރުދުންނަށް ޕްރޮޕަޓީ ވިއްކޭނެ މިންވަރު ކޮންޓްރޯލްކޮށް، ވަކި ޙައްދެއް ކަނޑައެޅޭނެކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ޕްރޮޕަޓީ ވިއްކުމުގައި ޤައުމިއްޔަތު ކަށަވަރުކުރުމަކީ މިފަދަ ނުރަނގަޅު ކަންކަން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މަޝްރޫޢުގެ ކޮންމެ ފިޔަވައްސެއްގައި ވެސް ދިވެހި ރައްޔިތުންނަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި، ބޭރުގެ ފަރާތްތަކަށް ކަނޑައަޅާ އެއްވެސް ލިމިޓެއް ދިވެހީންނަށް ނުހިނގާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދާ” މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ “މަޝްރޫޢަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ތަރައްޤީކުރެވޭ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ސިޓީއެކެވެ. 20 ބިލިއަން އެމެރިކާ ޑޮލަރުގެ ސީދާ އިންވެސްޓްމަންޓަކާއެކު ފެށޭ މި މަޝްރޫޢުގެ މުއްދަތުގެ ތެރޭގައި، ޖުމްލަ 30 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ބޭރުގެ ސީދާ އިންވެސްޓްމަންޓް ރާއްޖެއަށް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫޢުގެ އެންމެހައި ކަންކަން ހިންގޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ވިސާ ދޫކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ދާއިމީ ރަށްވެހިކަން ނުވަތަ ދިވެހި ރައްޔިތުކަން ލިބުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެކަން ވަޒީރު ވަނީ ތަކުރާރުކޮށް ޔަޤީންކޮށްދެއްވާފައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top