އެމްޑީޕީ ސަރުކާރުގެ ދަށުން ހިންގި ހޯމް މިނިސްޓްރީގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އާންމުކޮށްފައިވާއިރު، އެ ވުޒާރާގެ މާލީ މުއާމަލާތްތަކުގައި ސީރިއަސް މައްސަލަތަކާއި އިހުމާލުތަކެއް ހުރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، ކ. މާފުށީ ޖަލުގައި 50 ގޮޅީގެ ހައި-ސެކިއުރިޓީ ވިންގަކާއި، އިތުރު 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތްކުރުމުގެ މަސައްކަތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފުވާ ގޮތަށެވެ. ޖުމްލަ 47.1 މިލިއަން ރުފިޔާ ހޭދަވި މި މަޝްރޫޢުތައް ހަވާލުކުރެވިފައިވަނީ ވާދަވެރި ބިޑަކަށް ނުގޮސް،” ސިންގަލް ސޯސް “އުސޫލުންކަން ފާހަގަކުރެވެއެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕޮލްކޯއާ މި މަސައްކަތް ހަވާލުކުރި އަގަށްވުރެ 1.2 މިލިއަން ރުފިޔާ ކުޑަ އަގަކަށް، އެ ކުންފުނިން ވަނީ އަވަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ މި މަސައްކަތް ސަބް-ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައެވެ. މީގެ އިތުރުން، މަޝްރޫޢުގެ ބިލް އޮފް ކުއަންޓިޓީ (ބީއޯކިއު) ތައްޔާރުކުރުމުގައި އޮޅުވާލުންތަކެއް ހުރިކަންވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 50 ގޮޅީގެ މަސައްކަތް ކުރާ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ތަޅާލުމަށް 2.9 މިލިއަން ރުފިޔާ ބީއޯކިއުގައި ހިމަނާފައިވީ ނަމަވެސް، ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ދުވަސްވަރު އެ ސަރަހައްދުގައި އެފަދަ އެއްވެސް އިމާރާތެއް ހުރިކަމަކަށް ނުފެނެއެވެ. އެހެންކަމުން މިއީ ނުކުރާ މަސައްކަތަކަށް ދައުލަތުން ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓްގައި ފާހަގަކުރެވިފައިވެއެވެ.
ދ. ކުޑަހުވަދޫގައި ގާއިމްކުރެވުނު ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ މަޝްރޫޢުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށް ބަލައި 21.5 މިލިއަން ރުފިޔާ ދައްކާފައިވީ ނަމަވެސް، މަސައްކަތް ބަލައިގަތްތާ ތިން މަސް ފަހުން ބެލިއިރު އިމާރާތުގައި ފެން ލީކުވުމާއި، ދޮރުތަކުގެ މައްސަލަތަކާއި، އެއަރކޯން ސިސްޓަމްގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ހުރިކަން ވަނީ ފާހަގަވެފައެވެ. މި މައްސަލަތައް ހައްލުކުރުމަށް އިތުރު 5.1 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރަން ޖެހޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި މަސައްކަތް ބަލައިގަތުމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
ހދ. ނޭކުރެންދޫ ކަރެކްޝަނަލް ފެސިލިޓީ އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރި ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދިފައި ނުވާކަންވެސް ރިޕޯޓުން ހާމަވެއެވެ. މި މަސައްކަތުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީގެ މުއްދަތު އިތުރުކޮށްފައި ނުވުމުގެ ސަބަބުން، އެ ފައިސާ އަނބުރާ ހޯދުމަށް ދައުލަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ބިޑް ކޮމިޓީގެ ހުއްދަ ނެތި ތިން މަޝްރޫޢެއްގެ އަގު 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުކޮށްފައިވާކަންވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.
އިތުރު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގެ ކޭޓަރިންގް ޚިދުމަތް އެއްބަސްވުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ މައްސަލައެވެ. 2022 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް، އާންމުކޮށް އިއުލާނުކުރުމެއް ނެތި ކުރީގެ ކުންފުންޏަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވެއެވެ.
މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ މުއާމަލާތްތައް އިތުރަށް ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ވުޒާރާއަށް އިރުޝާދު ދެއްވާފައެވެ.