ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ޝަރަފުވެރި އެވޯޑެއް ކަމަށްވާ” ވޯލްޑް ޓްރެވަލް އެވޯޑްސް 2026 “ގެ ދެ ކެޓަގަރީއަކަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ނޮމިނޭޓްވެއްޖެއެވެ.
ވީ.އައި.އޭ ނޮމިނޭޓްވެފައިވަނީ” ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026 “އާއި” ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026 “މި ދެ ކެޓަގަރީއަށެވެ.
މި ކެޓަގަރީތަކަށް ވާދަކުރުމުގެ ފުރުސަތު ވީ.އައި.އޭއަށް ލިބިގެންދިޔައީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި،” އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026 “ގެ އެވޯޑް ވީ.އައި.އޭއިން ހާސިލްކޮށްފައިވާތީ ކަމަށް އެމް.އޭ.ސީ.އެލް އިން ހާމަކުރައްވައެވެ.
މި ނޮމިނޭޝަންތަކާއެކު،” ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026 “ކެޓަގަރީގައި ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ޒިއުރިކް އެއަރޕޯޓް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި އަދި ޝަރަފުވެރި އެއަރޕޯޓްތަކާ ދެކޮޅަށް ވީ.އައި.އޭ ވާދަކުރާނެއެވެ.
Vote: World awards – World Travel Awards
އަދި” ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026 “ކެޓަގަރީގައި ޖުމްލަ 12 އެއަރޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެއެވެ. މި އެއަރޕޯޓްތަކުގެ ތެރޭގައި ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ސިޑްނީ އެއަރޕޯޓް އަދި އޯކްލޭންޑް އެއަރޕޯޓް ހިމެނެއެވެ.
މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ކާމިޔާބު ހޯދައިދިނުމަށް، ދިވެހިރާއްޖޭގެ ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ވޯޓުގައި ބައިވެރިވުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އިލްތިމާސްކުރައްވާފައެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.