ސްޓެއިންލެސް ސްޓީލް ތަމްބްލަރުތަކެއްގެ ތެރޭގައި ފޮރުވައި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅާފައި ހުރި 12 ކިލޯއަށްވުރެ ގިނަ ކެނަބިހާއި ކްރިސްޓަލް މެތާއެކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި 36 އަހަރުގެ މުޙައްމަދު ވިސާމެވެ. މި ދެމީހުން ހައްޔަރުކުރީ ޕްރާތުނަމް ސަރަހައްދުގެ ކާގޯ ސަރވިސްއަކަށް ގެންދިޔަ ބޮޑު ފޮށިގަނޑުތަކެއްގެ ފަހަތުން ތަހުގީގު ޓީމުން ކުރި މަސައްކަތުންނެވެ.
މި މައްސަލައިގެ ތަހުގީގު ފެށުނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ބޭރު ގައުމެއްގެ މީހަކު، ޓޭޕް އަޅައި ވަރުގަދައަށް ބަންދުކޮށްފައިވާ ބޮޑެތި ފޮށިގަނޑުތަކެއް ހިފައިގެން އައިސް، އެ ތަކެތި ޝިޕްކުރަން މަޑުކޮށްގެން ހުރި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ.
ފޮށިގަނޑުތައް ވަރުގަދައަށް ބަންދުކޮށްފައި ހުރި ނަމަވެސް، އޭގެއިން ގަދަވަސް ދުވާތީ އެތަނުގެ މުވައްޒަފުންނަށް ޝައްކުވެ، އެތަކެތި އަނބުރާ ގެންދިއުމަށް އެ މީހާއަށް އެންގިއެވެ. އަދި އޭގެ ފަހުން އެ މުވައްޒަފުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައެވެ.
ފުލުހުން ކުރި މަސައްކަތުން، އެ ފޮށިގަނޑުތައް އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް ފޮނުވާލުމަށްޓަކައި ރަޓްޗަތެވީ ޑިސްޓްރިކްޓްގެ ސޮއި ފެޗްބުރީ 11 ގައި ހުންނަ ޑޯމިޓަރީއެއްގެ ދަށުގައި ބަހައްޓާފައި ހުއްޓާ ފެނުނެވެ. ފުލުހުން އެ ސަރަހައްދު މޮނިޓަރ ކުރަމުން ދަނިކޮށް، ދެ ބޭރު މީހަކު އައިސް އެ ފޮށިގަނޑުތައް އުފުލުމަށް ޓުކްޓުކެއް ގެނައި ވަގުތު، ފުލުހުން ވަނީ އެމީހުން ހުއްޓުވައި ފޮށިގަނޑުތައް ފާސްކޮށްފައެވެ.

ފާސްކުރި ކުރުމުން، އައިސްލޭޓަޑް އަށް ތަމްބްލަރެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތު ފެނުނެވެ. ކޮންމެ ތަމްބްލަރެއްގެ ތެރޭގައި 200 އާއި 300 ގްރާމާ ދެމެދުގެ މެތު ހުރިއިރު، މުޅި ޖުމްލަ 2.37 ކިލޯގެ މެތު ފެނިފައިވެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅައި ޓޭޕް އަޅާފައި ހުރި 10 ކިލޯގެ ކެނަބިސް ބަޑްސް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.
މި މަސްތުވާތަކެތި ފޮރުވާފައި ހުރީ ކުޑަކުދިންގެ އަންނައުނާއި ކުޅޭ ކާރު ފަދަ ތަކެތީގެ ތެރޭގައެވެ. އެހެންކަމުން ބޭރުފުށުން ބަލާއިރު އެއީ އާދައިގެ މުދާ ހުރި ފޮށިގަނޑުތަކެއް ކަމަށް ދައްކައެވެ. ފުލުހުން ވަނީ ފަސް ބޮޑު ފޮށިގަނޑު އަތުލައިގަނެ، އެ ދެ މީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ހުއްދަ ނެތި ވިއްކުމުގެ ނިޔަތުގައި، ކެޓަގަރީ 1 ގެ މަސްތުވާތަކެތި ކަމަށްވާ ކްރިސްޓަލް މެތްއެމްފެޓަމިން ގެންގުޅުމާއި ބެހުމުގެ ތުހުމަތެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެމީހުން ފުލުހުންނަށް ބުނެފައިވަނީ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ނުވަތަ ޣައިރުގާނޫނީ އެއްޗެއް ހުރިކަން ނޭނގޭ ކަމަށާއި، އެ ތަކެތި ފޮނުވައިދިނުމަށް އެދުނީ ރައްޓެއްސެއް ކަމަށެވެ.
އެމީހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފުރަތަމަ ޑެލިވަރީ ކުންފުންޏަށް އެ ތަކެތި ބަލައިނުގަތީ ވަސް ދުވާތީއެވެ. އެހެންކަމުން އެ ތަކެތި އަނބުރާ ގެންގޮސް އެމީހުން ތިބޭ ތަނުގައި ބެހެއްޓީ ކަމަށް އެމީހުން ބުންޏެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ތައިލެންޑުގެ ފުލުހުން މިހާރު ދަނީ މި ދެ މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ ގުޅުން އޮތް ބައެއްތޯ ބަލައި ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލާގައި އިތުރު ބަޔަކު ބައިވެރިވާނަމަ އެމީހުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.