ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މެންބަރުން މަގާމުގެ މަސްއޫލިއްޔަތުން ވަކިކުރުމުގެ ބާރު ނުވަތަ” ރީކޯލް “ކުރުމުގެ ޙައްޤު އެ މެންބަރަކު އިންތިޚާބުކުރި ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ.
މެންބަރު އަޒާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ޤާނޫނީ އިމުގެ ތެރެއިން ކަނޑައަޅައި،” ރީކޯލް ވޯޓު “ނެގޭނެ ނިޒާމެއް ޤާއިމުކުރުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީ މަރުޙަލާގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހަށް ހުށަހެޅުނު އެ ޕެޓިޝަނުގައި އެދިފައިވަނީ، ދާއިރާގެ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ރައްޔިތުންގެ ވަކި އިންސައްތައެއްގެ ސޮޔާއެކު ރީކޯލް ވޯޓަކަށް އެދިއްޖެ ޙާލަތެއްގައި އެ ވޯޓު ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރީކޯލް ވޯޓާ އެކުއެކީގައި އައު މެންބަރަކު އިންތިޚާބު ކުރުމުގެ ފުރުޞަތު ހިމަނައިދިނުމަށްވެސް ވަނީ އެދިފައެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަޒާން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ވެސް ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ޖަވާބުދާރީ ކުރުވައި، މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދީފައިވެއެވެ. މިސާލެއްގެ ގޮތުން، އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ކަނޑައެޅިފައިވާ ޚާއްޞަ ޝަރުޠުތަކެއްގެ ދަށުން މެންބަރުން ވަކިކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މަޖިލިސް މެންބަރުން ޒިންމާދާރުކުރުވައި މަގާމުން ވަކިކުރެވޭނެ ފަދަ” ރީކޯލް އެކްޓެއް “އެކުލަވާލުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެއްކަން އަޒާން ހަނދާންކޮށްދެއްވިއެވެ. އަދި ހިނގަމުންދާ ދައުރުގެ ތެރޭގައި އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، ކަމާބެހޭ ބިލުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ސާފުކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހަށް ސިޓީއެއް ފޮނުވުމަށް މެންބަރު އަޒާން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ތާއީދުކުރެއްވިއިރު، ކޮމިޓީގެ އިއްތިފާޤުން ވަނީ އެގޮތަށް ނިންމަވާފައެވެ.