ކުޅިވަރު

ރާއްޖެއަށް ޕެރަ ޝޫޓިންގ ތަޢާރަފުކޮށް، ޕެރަ އެތުލީޓުންނަށް އައު ފުރުޞަތުތަކެއް ހުޅުވާލައިފި

ރާއްޖެއަށް ޕެރަ ޝޫޓިންގ ތަޢާރަފުކޮށް، ޕެރަ އެތުލީޓުންނަށް އައު ފުރުޞަތުތަކެއް ހުޅުވާލައިފި

ދިވެހިރާއްޖޭގައި ޕެރަލިމްޕިކް ކުޅިވަރުތައް ފުޅާކޮށް ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރު ރާއްޖޭގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޝޫޓިންގ ކުޅިވަރުގެ ތެރެއަށް ޚާއްޞަކޮށްގެން” ޕެރަ ޝޫޓިންގ “ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގެ ޝޫޓިންގ ރޭންޖުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އާއި، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފްގެ އިތުރުން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އިސްވެރިންނާއި، ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ޕެރަ އެތުލީޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޝޫޓިންގ އެސޯސިއޭޝަނާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ޝޫޓިންގ މުބާރާތުގައި އައު ގިންތިއެއްގެ ގޮތުގައި ޕެރަ ޝޫޓިންގ ހިމެނުމަށް ދަނީ ތައްޔާރުވަމުންނެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ، ވާދަވެރި މާޙައުލެއްގައި ޝޫޓިންގ ކުޅިވަރުން ކުރިއަށްދިއުމުގެ ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް ފުޅާ ދާއިރާއެއްގައި ފަހިކޮށްދިނުމެވެ.
ދިވެހިރާއްޖޭގައި ޕެރަލިމްޕިކް ޙަރަކާތްތައް ފެށި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިނަލްއަޤްވާމީ ވާދަކުރުމުގެ ދޮރު ހުޅވިގެންދިޔައީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދުނު ހިސާބުންނެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ޓޯކިޔޯ ޕެރަލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކޮށްފައިވާއިރު، އެންމެ ފަހުން ބޭއްވި 2024 ވަނަ އަހަރުގެ ޕެރިސް ޕެރަލިމްޕިކްސްގައިވެސް ދިވެހި ޕެރަ އެތުލީޓުން ވަނީ ޤައުމު ތަމްސީލުކޮށްފައެވެ. މީގެ ކުރިން ދިވެހި އެތުލީޓުން މައިގަނޑު ގޮތެއްގައި ފެނިގެން ގޮސްފައިވަނީ ޓްރެކް އެންޑް ފީލްޑް އިވެންޓްތަކުން ކަމަށްވީ ނަމަވެސް، ޕެރަ ޝޫޓިންގ ތަޢާރަފުވުމަކީ ޖިސްމާނީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ އެތައް އެތުލީޓުންނަކަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ.
ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ޒަމާނީ އިލެކްޓްރޯނިކް ޓާގެޓް ސިސްޓަމްތަކާއެކު ޤާއިމުކޮށްފައިވާ އިންޑޯ ޝޫޓިންގ ރޭންޖާއެކު ވަސީލަތްތައް އިތުރަށް ފުރިހަމަކުރެވެމުންދާއިރު، މި ކުޅިވަރު ތަޢާރަފުވުމަކީ ކުރިއަށް އޮތް ޕެރަ-އޭޝިއަން ގޭމްސް އާއި ޕެރަލިމްޕިކްސް ފަދަ ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ޝޫޓިންގ އިވެންޓުން ރާއްޖެ ތަމްސީލުކުރުމަށް އެޅިގެންދިޔަ ތާރީޚީ އަދި މުހިންމު ފިޔަވަޅެކެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top