ކުޅިވަރު

ބިސް ބުރު ބަލިކޮށް، ވިކްޓްރީ ތާވަލުގެ އެއްވަނައަށް ޖެހިލައިފި

ބިސް ބުރު ބަލިކޮށް، ވިކްޓްރީ ތާވަލުގެ އެއްވަނައަށް ޖެހިލައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބިސް ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ފަސޭހަ ކާމިޔާބީއެއް ހޯދައި، ތާވަލުގެ އެއްވަނަ މަގާމަށް ވިކްޓްރީ ސްޕޯޓްސް ކުލަބު އަރައިފިއެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މި މެޗު ވިކްޓްރީން ކާމިޔާބުކުރީ 3-0 ގެ ސާފު ނަތީޖާއަކުންނެވެ.
ވިކްޓްރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައެވެ. ބިދޭސީ ފޯވާޑް އަލްހާޖީ ޖެރޯ ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެއްގެ ބޭނުންހިފައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒުވާން (ރިޒޭ) އެވެ.
ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ވިކްޓްރީން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ޑިފެންޑަރު ރަވްޝަންބެކް އުގްލީއެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 53 ވަނަ މިނެޓުގައި ވިކްޓްރީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމުގައި މުހިންމު ދައުރެއް އަދާކުރި އަލްހާޖީ ޖެރޯއެވެ.
ނަމަވެސް، މެޗުގެ 58 ވަނަ މިނެޓުގައި ބިސް ބުރުގެ އަލީ ޝައިހާނާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން، ރެފްރީ ވަނީ ވިކްޓްރީގެ ހިސާމް ސަލީމަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗުގެ ބާކީބައި ވިކްޓްރީން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ އެއްވަނަ ވިކްޓްރީން ކަށަވަރުކުރިއިރު، އެއް މެޗު މަދުން ކުޅެ 9 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ކުލަބު އީގަލްސްއެވެ. ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތްއިރު، މިއަދުގެ މެޗުން ބަލިވި ބިސް ބުރު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top