ސައުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުވި މިސައިލް ޙަމަލާތަކަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މެޗު ފެށުން ލަސްވި ނަމަވެސް، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި އަލް ނަސްރުން ހޯދި މުހިންމު ކާމިޔާބީއަށްފަހު، އެ ޤައުމުގެ ދިދަ ޖެހި ސްކާފެއް ވިހުރުވައި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީއާއެކު ސާބިތުވެ ހުރިކަން ހާމަކޮށްފިއެވެ.
އުޒްބެކިސްތާނުގެ ނެފްޗީ ފަރްގާނާއާ ދެކޮޅަށް ރިޔާޟްގެ އަލް-އައްވަލް ޕާކުގައި ކުޅުނު ފޯރިގަދަ މެޗު އަލް ނަސްރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާގެ ފުޓްބޯޅަ ޙަޔާތުގައި ކާމިޔާބުކުރި 981 ވަނަ ލަނޑެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުމަށް ތާވަލުކުރެވުނު މި މެޗު ފެށުން ގާތްގަނޑަކަށް ގަޑިއިރެއްހާއިރަށް ފަސްކުރަން ޖެހުނީ، ޔަމަނުގެ ޙޫޘީން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކަކާ ގުޅިގެން ސައުދީގެ ސިވިލް ޑިފެންސުން ސަލާމަތީ އިންޒާރެއް ނެރުމުންނެވެ. ނަމަވެސް، ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަނީ އެ މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ނައްތާލާފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި ނެފްޗީގެ އަލިޝޭރް އޮޑިލޯވް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، 65 ވަނަ މިނެޓުގައި އެ ޓީމުގެ އިކްރޮމްޖޯން އަލިބައޭވް އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުގެ އުންމީދުތަކަށް ހިޔަނި އެޅުނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނެފްޗީގެ އަންވަރުޖޯން ގޮފޫރޯވް އަތުން 78 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑާއެކު، އަލް ނަސްރުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.