ކުޅިވަރު

” އެކި ކުޅިވަރުތަކުން ޕެރަ އެތުލީޓުންނަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވައިފި “

” އެކި ކުޅިވަރުތަކުން ޕެރަ އެތުލީޓުންނަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވައިފި “

އެތުލެޓިކްސްގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން ވެސް ރާއްޖޭގެ ޕެރަ އެތުލީޓުންނަށް ބައިނަލްއަޤްވާމީ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، 5 ވަނަ އޭޝިއަން ޕެރަ ގޭމްސްގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށާއި، މުބާރާތުގައި ޤައުމީ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި ފަހަރުގެ އޭޝިއަން ޕެރަ ގޭމްސްގައި އެތުލެޓިކްސް ފިޔަވައި އެހެން ކުޅިވަރުތަކުން ވެސް ވާދަކުރުމަށް ކަމާގުޅޭ އިދާރާތަކާއި އެތުލީޓުން ގިނަގުނަ ތައްޔާރީތަކެއް ވި ނަމަވެސް، ދިމާވި ބައެއް ސަބަބުތަކާ ހުރެ އެ ފުރުޞަތު ގެއްލިގެން ދިޔަކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެހެން ޕެރަ މުބާރާތްތަކުން އެ އެތުލީޓުންނަށް ފުރުޞަތު ހަމަޖެހިފައިވާ ކަމަށާއި، ޕެރަލިމްޕިކްސް ހިމެނޭހެން ތަފާތު ކުޅިވަރުތަކުން ދިވެހި އެތުލީޓުންނަށް ފުރުޞަތުތައް ހޯދައިދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
“އަޅުގަނޑުމެންގެ އެތުލީޓުން ތިބީ އެހެން ކުޅިވަރުތަކުން ވެސް ވާދަކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން. ދިމާވި މައްސަލަތަކަކާ ހުރެ މި މުބާރާތުގައި ބައިވެރިނުވެވުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް މުބާރާތަކުން މިހާރު ވަނީ އެ ފުރުޞަތު ތަނަވަސްވެފައި. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕެރަލިމްޕިކް އެކި ކުޅިވަރުތަކުން އަޅުގަނޑުމެންގެ ކުދިންނަށް ފުރުޞަތުތައް ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުޞަތުގައި އަރުވަން.” ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި މުބާރާތުގައި ޤައުމު ތަމްސީލުކުރާ އެތުލީޓުންނަށް ހިތްވަރު ދެއްވަމުން، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މި މަހުގެ 18 އިން 24 އަށް ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަކީ ޢަބްދުﷲ އަޔާން އަޞްޣަރާއި، ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު އަދި ފާޠިމަތު އިބްރާހީމެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ލިބިފައިވަނީ ފާޠިމަތު އިބްރާހީމް އަދި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 18 އިން 24 އަށް ޖަޕާނުގެ އައިޗީ-ނަގޯޔާގައި

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top