މިއަހަރުގެ މިހާތަނަށް ޖަރުމަންވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކަ ފަހަނައަޅައި ގޮސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރެކޯޑުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖަރުމަނުން ޖުމްލަ 101,366 (އެއްލައްކަ އެއްހާސް ތިންސަތޭކަ ފަސްދޮޅަސް ހައެއް) ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު ޖަރުމަނުވިލާތް ހިމެނިފައިވަނީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ހަތަރުވަނައިގައެވެ.
ޖަރުމަނަކީ ޒަމާނުއްސުރެ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރަމުން އަންނަ ގައުމެކެވެ. އެގޮތުން، ވޭތުވެދިޔަ 2023 ވަނަ އަހަރު ވެސް އެ ގައުމުން 167,822 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ޖަރުމަނުވިލާތުގެ މާކެޓް އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރާއި ވިޒިޓް މޯލްޑިވްސް ގުޅިގެން މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ބޭއްވުނު “މޯލްޑިވްސް – ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލް” ގެ ތެރެއިން، މަޝްހޫރު ޓުއަރ އޮޕަރޭޓަރ” ޑާޓުއަރ “އާއެކު ވިޒިޓް މޯލްޑިވްސް އިން ވަނީ މިއަހަރުގެ ފެބުރުވަރީ މަހު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އަހަރަކު މަދުވެގެން އެއްލައްކަ ފަތުރުވެރިން ގެނައުމާއި، ކުރިއަށް އޮތް އަހަރު މި އަދަދު ދެލައްކައަށް ވުރެ މައްޗަށް އިތުރުކުރުމެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގަދަ ފަސް ގައުމަކީ:
ޗައިނާ: 308,913 ފަތުރުވެރިން
ރަޝިއާ: 232,676 ފަތުރުވެރިން
އިނގިރޭސިވިލާތް: 121,239 ފަތުރުވެރިން
ޖަރުމަނުވިލާތް: 101,366 ފަތުރުވެރިން
އިޓަލީވިލާތް: 99,106 ފަތުރުވެރިން
މުޅި ޖުމްލަ ގޮތެއްގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓްހައުސްތަކުގައި 349,861 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކާރޫބާރު ބޮޑު ދުވަސްވަރު ނުވަތަ ‘ޕީކް ސީޒަން’ ކުރިއަށް އޮތްއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.