ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން، މި ދާއިރާގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ ކަމާބެހޭ ވަޒީރުން މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ފިނޭންސް ޙަސަން ޒަރީރާއި، މިނިސްޓަރ އޮފް ޓޫރިޒަމް މުޙައްމަދު އަމީނާއި، ބަންޑާރަނައިބު އަޙްމަދު އުޝާމްގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންގެ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ޗެއާމަން ޙުސައިން ޢަފީފާއި، ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ އިތުރުން ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ޤާސިމެވެ.
ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކުރުމެވެ. މީގެއިތުރުން، މިހާރު މި ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ހުށަހެޅުއްވި އަގުހުރި ޚިޔާލުތަކާއި ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ސިނާއަތުގެ ތަރައްޤީއަށް ވާސިލުވާންޖެހޭ މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅައި އެކަންކަމަށް އެއްބަސްވެވިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާ ގާތުން މަސައްކަތްކޮށް، ދާއިރާގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރުން ވަނީ މި ބައްދަލުވުމުގައި ދެއްވާފައެވެ.