އަލަށް އެކުލަވައިލާ ރިއަލްއެސްޓޭޓް ޤާނޫނަކީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢަށް އެކަނި ޚާއްޞަކޮށްގެން ހަދާ ޤާނޫނެއް ނޫން ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި” އަހާ “ފޯރަމްގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނި ބަރޯސާނުވެ، އައު ޞިނާޢަތެއްގެ ގޮތުގައި ރިއަލްއެސްޓޭޓް މާކެޓެއް ރާއްޖޭގައި ތަޢާރަފުކޮށް ތަރައްޤީކުރުން ކަމަށެވެ. އަދި އަލަށް އެކުލަވައިލެވޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ވެސް ރިއަލްއެސްޓޭޓް މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތު، ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫ.އޭ.އީ ގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި 20 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާ) ގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ހިންގުމަށް ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އެއް ބޭރުގެ އިންވެސްޓްމަންޓެވެ.
ވިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ‘ކޯޕަރޭޓް ރެޒިޑެންސް ވިސާ’ އަކީ 2015 ވަނަ އަހަރުން ފެށިގެން ޤާނޫނީ ގޮތުން ދޫކުރަމުން އަންނަ ވިސާއެއް ކަމަށެވެ. އެގޮތުން 2015 ގައި ހެދި ގަވާއިދުގެ ދަށުން 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް އެ އިންވެސްޓްމަންޓްގެ މުއްދަތަށް (ރިސޯޓެއް ނަމަ 99 އަހަރަށް) ވިސާ ލިބޭ ގޮތަށް އޮތް ކަމަށާއި، 2020 ވަނަ އަހަރު އެ ޢަދަދު 200،000 ޑޮލަރަށް ކުޑަކޮށް، 5 އަހަރުން އައުކުރެވޭ ވިސާއެއް ދޫކުރާ ގޮތަށް ބަދަލުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫޢުގައި ވެސް ވިސާ ދޫކުރުމުގެ އުޞޫލުތައް ކުރިއަށްދާނީ މިފަދަ ހަމަތަކުގެ މަތިން ކަމަށް ބަންޑާރަނައިބު ސާފުކޮށްދެއްވިއެވެ.
އަދި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ލަފާ ހޯދުމަށްފަހު، ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މި އެއްބަސްވުމާ ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ޖީޑީޕީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޤައުމަށް ފައިދާހުރި މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި ސިޔާސީ ވިސްނުމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.