މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ދިމާވާ ތޮއްޖެހުމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ސްކޫލް ދަރިވަރުންނަށާއި އޮފީސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން” އަހާ “ފޯރަމްގެ 8 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަޙައްދުން ފެށިގެން މާލޭގެ ވެލާނާގެ އަދި ގްރީން ޒޯނާ ހަމައަށް ވަކި ޚާއްޞަ ގަޑިތަކެއްގައި ދަތުރުކުރާނެ ބަސްތަކެއް ތަޢާރަފުކުރުމަށް ރޭވިފައިވާ ކަމަށެވެ.
” މީގެއިތުރުން، އެކި ސްކޫލުތަކާއި ބެލެނިވެރިންނާ މަޝްވަރާކޮށްގެން، ސްކޫލުތަކަށް ޚާއްޞަ’ ސްކޫލް ފްރެންޑްލީ ‘ބަސްތަކެއް، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހިން މާލެއަށް ދަތުރުކުރާ ގޮތަށް ހަމަޖެއްސުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން “ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ގިނަ ޢަދަދެއްގެ އުޅަނދުތައް އެއްފަހަރާ ބްރިޖު މަތިން ދަތުރުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. އަދި މި ބަސް ދަތުރުތައް އިންތިޒާމުކުރެވިގެންދާނީ އަލަށް ޢަމަލުކުރަން ފަށާ އާންމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އުފައްދާ “ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް”ގެ ބެލުމުގެ ދަށުންނެވެ.
އަލަށް ތަޞްދީޤުކުރެވުނު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލައި، ރޯޑް ސޭފްޓީ ކައުންސިލަކާއި އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފުލުހުންގެ ބެލުމުގެ ދަށުން ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރެވިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މި އައު އިންތިޒާމުތަކާއި ސިޔާސަތުތައް ތަންފީޒުވާން ފެށުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މާލޭ ސަރަޙައްދުގެ ޓްރެފިކް މައްސަލައަށް ވަރަށް ބޮޑު، އެދެވޭ ލުޔެއް ލިބިގެންދާނެ ކަމަށެވެ.