ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް ހ. މީނާޒް، ޝަމްއޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޝަމްއޫން ޙަމީދަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ނައިބު / ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. އަދި މަޤާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއާ ޙަވާލުކުރައްވާފައެވެ.
އެޗްއާރުސީއެމްގައި މީގެކުރިންވެސް ޚިދުމަތްކުރައްވާފައިވާ ޝަމްއޫން ވަނީ 2010 އިން 2012 އަށް އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަން ކުރައްވާފައެވެ. މީގެއިތުރުން 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ހަމައެއާއެކު، ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓު އެކުލަވައިލުމުގައި ކޮމިޝަނުގެ މައިގަނޑު ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގައި ހުރި ފުރުޞަތުތަކާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މުހިންމު ދިރާސާތަކުގައިވެސް ޝަމްއޫން އިސް ދައުރެއް އަދާކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަކުރައްވައެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމާ ހަމައަށް ޝަމްއޫން ޙަމީދު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.