މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އަމީނީ މަގުގައި އަލުން ހެދި ސަރަޙައްދު ރޭގެ ވަގުތެއްގައި ޢާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.
އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ސެގްމެންޓް އެކެއް އަދި ދޭއްގެ މަސައްކަތް އެއްކޮށް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
އެގޮތުން ސެގްމެންޓް އެކެއްގެ ދަށުން، ކުރިން އަޅާފައިވާ ތާރާއި އޭބީސީ ފަށަލަ ނެގުމަށްފަހު، 2،794 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި އޭބީސީ އެޅުމަށްފަހު ވަނީ އަލުން ތާރު އަޅާފައެވެ. މީގެ އިތުރުން ސެގްމެންޓް ދޭއްގެ ދަށުން، 133 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނަގައި، އޭބީސީ ފަށަލަ އެޅުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި ދެ ސެގްމެންޓްގެ މަސައްކަތް ނިމުމާއެކު، ދެން ހުރި ބައިތަކުގެ މަސައްކަތްތައް ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ. އަދި އަލަށް ހުޅުވާލެވުނު ސަރަޙައްދުގެ ސަބަބުން، ކުރިން އެ މަގު ބޭނުންކުރުމުގައި ދިމާވި ދަތިތަކަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޢިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ ތިންވަނަ ސެގްމެންޓްގެ 1،924 އަކަމީޓަރުގެ ސަރަޙައްދާއި، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ހަތަރުވަނަ ސެގްމެންޓްގެ 1،148 އަކަމީޓަރުގެ ސަރަޙައްދުގައި ހުރި ބާ ތާރުތައް ނަގައި، އަލުން ތާރުއަޅައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތަކަށްޓަކައި ފުލުހުން ވަނީ އިއްޔެއިން ފެށިގެން މާފަންނު ސްޓޭޑިއަމުން ފެށިގެން ހައުސިންގ މިނިސްޓްރީގެ ކުރީގެ އިމާރާތާ ހަމައަށް އޮތް ސަރަޙައްދު ބަންދުކޮށް، އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އޭރުގެ ޕްލޭނިންގ މިނިސްޓްރީން އާރުޑީސީއާ 84.4 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫޢުގެ އެންމެ ފަހު ސެގްމެންޓް ނިންމާލީ މި ސަރުކާރުންނެވެ. ނަމަވެސް، ހާބަރު ފުޑްކޯޓު ސަރަޙައްދުގެ ތާރުގަނޑު އެކި ދިމާލުން އުފުލި، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ޢާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. މިހާރު ކުރިއަށްދަނީ އެ މައްސަލަތައް ޙައްލުކޮށް މަގު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ.