ޓްރެފިކްގެ ޢާންމު އުޞޫލުތަކާއި ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ މަތީ ދަރަޖައިގެ ފިޔަވަޅު އެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ފުލުހުންގެ އެންމެހާ ބަހާތަކަށް އަންގަވައިފިއެވެ.
މަގުމަތީގެ ޤަވާޢިދުތަކާ ތަކުރާރުކޮށް ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ސީޕީ ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޓްރެފިކްގެ އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ޢާންމު ރައްޔިތުންގެ ޙައްޤުތައް ގެއްލި، ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުންދާ ކަމަށެވެ. އެހެންކަމުން، ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމާއި، ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ހުއްޓުވުން ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާ ގުޅިގެން މި ފިޔަވަޅުތައް އެންމެ މަތީ ދަރަޖައިގައި ތަންފީޒުކުރުމަށް ފުލުހުންގެ ކަމާބެހޭ ބަހާތަކަށް މިހާރު ވަނީ އަންގަވާފައެވެ. އަދި މި ޚާއްޞަ މަސައްކަތްތައް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މި މަސައްކަތުގައި ދިވެހި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ޓްރެފިކް ޤަވާޢިދުތައް ތަންފީޒުކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ސީޕީ އަންގަވާފައި މިވަނީ، މި މަހުގެ 20 ވަނަ ދުވަހު ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ، ފަރުވާދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ހާދިސާގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތ. ދިޔަމިގިލި، އައްސޭރި، ޢުމުރުން 21 އަހަރުގެ މާހު ޙަސަން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ސައިކަލު ދުއްވައިގެން މިއަހަރުގެ ތެރޭގައި އެކަނިވެސް ހަތަރު ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފައިވާ މީހެކެވެ.