އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށި، އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
ސަރުކާރުން ބޭއްވި “އަހާ” ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން މިހާރު ވުޒާރާއާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މައުލޫމާތުތައް އެމްއޭސީއެލްއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
“އެ ބޭފުޅުން ވަނީ މި މަޝްރޫއަށް ބޭނުންވާ ހުރިހާ ޑިޒައިންތަކަކާއި ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކޮށްފައި. އަދި ސްޓްރަކްޗާގެ މަސައްކަތް ޕްރޮޑަކްޝަނަށް ފޮނުވާފައިވާ ކަމަށް ބެލެވޭ،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިމާރާތަކީ ޕްރީ-ފެބްރިކޭޓެޑް ސްޓްރަކްޗާއަކަށް ވާތީ، ބޭނުންވާ ސާމާނު ލިބެންވާއިރަށް އެ ތަނުގެ ޕްލެޓްފޯމް ނިންމައި ފުރިހަމައަށް ތައްޔާރުކުރުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން، މި ސްޕޯޓްސް ކޮމްޕްލެކްސްގައި ހިމެނޭ ބެޑްމިންޓަން ކޯޓުގެ މަޝްރޫއަކީ ގިނަ ދުވަސްތަކެއް ވަންދެން ނުނިމި ލަސްވެފައިވާ މަޝްރޫއެއްކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.