ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގައި ކިރްގިޒްސްތާން އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
ކިރްގިޒްސްތާނުގެ ވެރިރަށް ބިޝްކެކްގައި މިއަދު ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މިއީ ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި ރާއްޖޭގެ މައްޗަށް އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ކިރްގިޒްސްތާނުން ރާއްޖެ ބަލިކޮށްފައިވަނީ 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައެވެ. އޭގެ ފަހުން 2011 ގެ އެކުވެރިކަމުގެ މެޗު 2-1 އިން އަދި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި 2-0 އިން ކާމިޔާބުކޮށްފައިވަނީ ރާއްޖެއެވެ.
މިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ކިރްގިޒްސްތާނަށް ލީޑު ނަގައިދިނީ އަޓަބައެވް އެރްބޯލްއެވެ. މިއީ އެ ޓީމުގެ ޖޮއެލް ކޮޖޯ ފޮނުވާލި ހަމަލާއެއް، ރާއްޖޭގެ ގޯލްކީޕަރު ޙުސައިން ޝަރީފް ދިފާޢުކުރުމުން ލިބުނު ރީބައުންޑް ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ކީޕަރު ޙުސައިން ޝަރީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަސްތަނަކުލޯވް ޝިރޯޒުއްދީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަޓަބައެވް ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ކިރްގިޒްސްތާނުން މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ނަގައި، 32 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މުރްޒަކޯވް ވަލެރީއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަސްވަނަ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޑިފެންޑަރު އަމްދާން ޢަލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖޮއެލް ކޮޖޯއެވެ.
މި ނަތީޖާއާއެކު، މި ފަހަރުގެ ބައިނަލްއަޤްވާމީ މެޗު ވިންޑޯގައި ރާއްޖެ ކުޅުނު ދެ މެޗުންވެސް މިވަނީ ބަލިވެފައެވެ.