މި ކާމިޔާބީ ހާސިލުކޮށްފައިވަނީ ގައްޒާގެ ދާރުލް ޤުރުއާން ވަލް ސުންނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ސަފްވަތުލް ހުއްފާޒު” ހަރަކާތުގެ ތެރެއިންނެވެ.
މި ބިޔަ މަޝްރޫއުގައި، ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 1،471 އަންހެން އަދި ފިރިހެން ހާފިޒުން ބައިވެރިވިއެވެ. ގައްޒާގެ އެކި މިސްކިތްތަކުގައި ބޭއްވުނު މި ހަރަކާތުގައި، ބައިވެރިން ވަނީ އެއް އިށީނުމެއްގައި މުޅި ކީރިތި ޤުރުއާން ހިތުން ކިޔަވައި ފުރިހަމަކޮށްފައެވެ.
މިކަމާ ގުޅޭ ރިޕޯޓުތައް ބުނާގޮތުން، ހުނަރުވެރި ބައެއް ޒުވާން ހާފިޒުން ވަނީ އެއްވެސް ކުށެއް ނުޖެހި، ގާތްގަނޑަކަށް 7 ނުވަތަ 8 ގަޑިއިރުގެ ތެރޭގައި މުޅި ޤުރުއާން ކިޔަވައި ނިންމާފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ފަލަސްތީނުގެ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު އިތުރަށް ވަރުގަދަކޮށް، ﷲ ގެ ކަލާމްފުޅު ރައްކާތެރިކުރުމަށާއި ކިޔެވުމަށް އެކުދިންގެ ހިތްތަކުގައި އޮތް މަތިވެރި ލޯތްބާއި ސާބިތުކަން ހާމަކޮށްދިނުމެވެ.