ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ޒަކާތް ދައްކާފައިވަނީ މިއަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ޤާނޫނީ ބާރުވެރިކަމާއެކު ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމެއް ކަމަށެވެ. އެގޮތުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ބަލަހައްޓަމުންދާއިރު، އެ ފައިސާ ޚަރަދުކުރެވެނީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޝަރީޢާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޒަކާތު ކައުންސިލާއި ޝަރީޢާ ކޮމިޓީގެ ލަފަޔާއެކު ޒަކާތުގެ ފައިސާ ދޫކުރެވެމުންދާ ގޮތުގެ ތަފުސީލުތައް ކޮންމެ މަހަކުވެސް ޢާންމުކޮށް ހާމަކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
” މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ދެ އަހަރު. ތާރީޚީ ގޮތުން އެންމެ ގިނައިން ޒަކާތް ލިބުނު ދެ އަހަރު. އަދި މި އަހަރަކީ ދިވެހިރާއްޖޭގެ މުޅި ތާރީޚުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު، “މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ފަޤީރުންނަށް ސީދާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެފަރާތްތަކުގެ ތަޢުލީމާއި ޞިއްޙީ ކަންކަމަށްވެސް މި މުއްދަތުގައި ބޮޑު ހޭދައެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ޒަކާތަށް ޚާއްޞަ އިދާރާއެއް އުފައްދަވައި މަސައްކަތް ކުރަމުންދާތާ ދެ އަހަރު ވެފައިވާއިރު، މިއީ ޝަރީޢާ ހުއްދަކުރާ މިންގަނޑުތަކުގެ ތެރެއިން ޒަކާތު ފަންޑު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ފެށިގެންދިޔަ މުހިންމު ދެ އަހަރު ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ޒަކާތުގެ ނިޒާމަށް ދިވެހި ރައްޔިތުން ދެއްވާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މި ނިޒާމު ހަރުދަނާކޮށް ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރެއްވިއެވެ.