ޚަބަރު

ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު ފިޔަވަޅެއް: ރައީސުލްޖުމްހޫރިއްޔާ

ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު ފިޔަވަޅެއް: ރައީސުލްޖުމްހޫރިއްޔާ

ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައްޔާއި، މަތީ ތަޢުލީމުގެ ދާއިރާތައް އިޚްތިޔާރުކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ ނުހަނު މުހިންމު މަރުޙަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ” އެކްސް “މެދުވެރިކުރައްވައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ޢާއިލާތަކުގެ އިތުރުން ސްކޫލް މަދަރުސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި އިމްތިޙާނަށް ތައްޔާރުވުމަށްޓަކައި ދަރިވަރުން ވެފައިވާ ޤުރުބާނީއާއި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މާތް ﷲ ގެ ވާގިފުޅާއެކު، އިމްތިޙާނުގައި ފަސޭހަކަމާއެކު ރަނގަޅު ކާމިޔާބީއެއް ހޯދައި، ޤައުމު ފަޚުރުވެރިވާފަދަ ފާހަގަކޮށްލެވޭ ނަތީޖާއެއް ދަރިވަރުން ހާސިލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ރާއްޖޭގެ 53 މަރުކަޒެއްގައި ކުރިއަށްދާއިރު، އޭ-ލެވެލް އިމްތިޙާނުގައި 4،973 ދަރިވަރުން އަދި އެޗް.އެސް.ސީ އިމްތިޙާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގެ 4 މަރުކަޒަކުން އިމްތިޙާނު ހަދާ 3،284 ދަރިވަރުންނާއި، އަތޮޅުތަކުގެ 49 މަރުކަޒަކުން އިމްތިޙާނު ހަދާ 1،689 ދަރިވަރުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top