މާލޭގެ ސޯސަންމަގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 26 އަހަރުގެ އަންހެން މީހާ، ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އާއިޝަތު މާހިދާއެވެ.
ފުލުހުން ވިދާޅުވީ، އެކްސިޑެންޓާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މާހިދާ ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު، މިއަދު ހަވީރުގެ ވަގުތެއްގައި އޭނާގެ ޢާއިލާގެ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި މާހިދާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށްވެސް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުންނަށް ފަރުވާދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ވަގުތު މާހިދާ މަގުމައްޗަށް ވެއްޓި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި، ގިނަ ޢަދަދަކަށް ލޭ ފައިބަމުންދިޔައެވެ. އަދި އެ ވަގުތު އޭނާގެ އެއްވެސް ހަރަކާތެއް ނެތްއިރު، އަނިޔާވި ދެ ފިރިހެނުންވެސް ޒަޚަމްވެފައި ތިބި މަންޒަރު ފެނެއެވެ.
މާހިދާގެ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ.