ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް 2026 ގެ ފެތުމުގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން، ރާއްޖޭގެ މުޙައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑު އައުކޮށްފިއެވެ.
ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި މިއަދު އޮތް ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު ރިހާން އައުކުރީ، 5 މިނިޓު 06.92 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ޖުމްލަ ތިން ފެތުންތެރިން ވާދަކުރި މި ހީޓުގެ ދެވަނަ މަގާމު ވެސް ހޯދީ ރިހާންއެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑު މީގެ ކުރިން ވެސް އޮތީ ރިހާންގެ އަތުގައެވެ. އެއީ މިއަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި 5 މިނިޓު 09.68 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.
މި އިވެންޓުގެ އިތުރުން ވެސް ދިވެހި އެތުލީޓުން ވަނީ މިއަދުގެ އެހެން ބައެއް މުބާރާތްތަކުގައި ވާދަކޮށްފައެވެ. އެގޮތުން އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މެރާލް އައިން ލަތީފް ވަނީ އެއް މިނިޓު 04.37 ސިކުންތުން ރޭސް ނިންމާފައެވެ. އަދި އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކުރި މަލައިކާ ލިންޑާ ޢިމްރާން ރޭސް ފުރިހަމަކުރީ ދެ މިނިޓު 55.31 ސިކުންތުންނެވެ.