މިއަދު ހެނދުނު 7:00 ގައި ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، މެދުއިރުމަތީގެ ވައިގެ މަގުތަކަށް ދިމާވެފައިވާ ބުރޫތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު “ގަލްފް ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅަނގުގެ ފަތުރުވެރިން ރާއްޖެއަށް އައުމުގައި ތާރީޚީ ގޮތުން ރާއްޖެ ބޮޑަށް ބަރޯސާވަނީ މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަރުކަޒުތަކަށް ކަމަށެވެ.
ޔާސިރު ފާހަގަކުރެއްވި ގޮތުގައި، ފެބްރުއަރީ 28 އިން ފެށިގެން ދިމާވި މި ބުރޫތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި އަސަރުތަކެއް ކުރި ނަމަވެސް، މިހާރު މި ދާއިރާ އަންނަނީ އަލުން އިއާދަވަމުންނެވެ.
މި ހާލަތާ ގުޅިގެން ރާއްޖެއިން މިހާރު އަންނަނީ ދަތުރުފަތުރުގެ މަގުތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާ، ރަޝިޔާ އަދި އިންޑިއާގެ މާކެޓަށް ބޮޑު ސަމާލުކަމެއް ދެމުންދާއިރު، އޮސްޓްރޭލިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާއެކު އެ ޤައުމު މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނިފައެވެ.
މީގެ އިތުރުން، އަންނަ އޮކްޓޫބަރު މަހުން ފެށިގެން ވިއެޓްނާމްގެ ހަނޯއީ އަދި ހޯޗީމިން ސިޓީން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.