ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.
މި ޓިކެޓު ރައީސް ޑރ. މުޢިއްޒާ ހަވާލުކުރެއްވީ، ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މި ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވި މި ޖަލްސާއަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕީއެންސީން ރާވާފައިވާ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން އެޅުނު ނުހަނު މުހިންމު އަދި ތާރީޚީ ފިޔަވަޅެއް ކަމަށް އެ ޕާޓީން ބުނެއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމަށް ކުރިމަތިވެފައިވާ އެކި ދަތިތަކާއި ގޮންޖެހުންތަކުން ޤައުމު ސަލާމަތްކޮށް، ދިވެހި ރައްޔިތުން އުންމީދުކުރާ ފަދަ ދެމެހެއްޓެނިވި ތަރައްޤީއެއް ހޯއްދަވައިދެއްވޭނެ ޤާބިލު، ހިންގުންތެރި ވެރިއެއްކަން އަމަލީގޮތުން ސާބިތުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، ޕާޓީގެ މަތީ މަޖިލީހުގެ އިއްތިފާޤުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް ނިންމީ ޤައުމީ މަޞްލަޙަތަށާއި، ރައްޔިތުންގެ ސަލާމަތާއި ލާބަޔަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
@madhadhu8 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓް،2028 ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އަރުވައިފި #Muizzu2028 #PNCCongress2026 #DhiveheengeRaajje #CongressPartyMV ♬ original sound – Madhadhu
މި ބައްދަލުވުމުގައި ޕާޓީގެ އާންމު މެންބަރުންނާއި ސަޕޯޓަރުންގެ ފަރާތުން ރައީސް މުޢިއްޒަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ކުރިއަށް އޮތް އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ ހުރިހާ މެންބަރުން ބަދަހި ލަޝްކަރެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް ޕާޓީގެ ލީޑަޝިޕުން ވަނީ އިލްތިމާސްކޮށްފައެވެ.