ރައީސް ޑރ. މުޢިއްޒު ހަރުދަނާ އަދި ރޭވުންތެރި ސިޔާސަތުގެ ދަށުން ފާއިތުވި ސަރުކާރުން އިންޑިއާ އަތުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުދެއްކިވާ ބާކީ 50 މިލިއަން ޑޮލަރު ޑޮލަރުގެ ލޯނު މިއަދު ދައްކައި ޚަލާސް ކޮށްފިއެވެ. މިލޯނަކީ ފާއިތުވި އެމް.ޑީ.ޕީ ސަރުކާރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ ލޯނެކެވެ.
ފިނޭންސް މިނިސްޓްރީން ހާމަ ކުރާގޮތުގައި ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު މިއަދު ދައްކައި ނިންމުމާއިއެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ. އަދި ހަމަ ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރިއިރު، ދަރަނި ދެއްކުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އިދިކޮޅުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް ވަނީ ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައެވެ. އަދި ހަމަ ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާ އެކު މަސައްކަތް ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަ ކުރިއެވެ. އެގޮތުން:
1. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޤަވާއިދުން ފައިސާ ޖަމާކުރުން.
2. ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުން.
3. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާ އެކު އުފެއްދުންތެރި އަދި މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށްދިއުން.
މިދިޔަ ސަރުކާރުން އިންޑިއާ އަތުން ނަގާފައިވާ 150 މިލއަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސް ކުރި ގޮތް
ފުރަތަމަ 50 މިލިއަން ޑޮލަރު ދެއްކީ 2024 ގައި
ދެވަނަ 50 މިލިއަން ޑޮލަރު ދެއްކީ 11 މެއި 2026 ގައި
ތިންވަނަ 50 މިލިއަން ދެއްކީ 17 ސެޕްޓެމްބަރ 2026 (މިއަދު )
ސަރުކާރުގެ އަމާޒަކީ ޒިންމާދާރުކަމާއިއެކު ދަރަނި މެނޭޖުކުރުމާއި، ޤައުމީ ރިޒާވް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމުގައިވެސް ފިނޭންސް މިނިސްޓްރީއިން ހާމަ ކުރިއެވެ.