މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ސ. ހުޅުދޫ، ބަގީޗާގެ، އަޙްމަދު ޝަފްނީޒް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުން ވަނީ ޝަފްނީޒް އެ މަޤާމަށް ޢައްޔަންކުރުމަށް ތާއީދުކުރައްވާފައެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 3 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކަކީ:
• އަޙްމަދު ޝަފްނީޒް، ބަގީޗާގެ / ސ. ހުޅުދޫ
• އަޙްމަދު މަޢުޞޫމް، ވ. މިޔަރެސް / މާލެ
• މަރްޔަމް ޖައިދާ، ކަނޑުގަސްދޮށުގެ / ކ. ދިއްފުށި
މި ބޭފުޅުންގެ ތެރެއިން ޤާނޫނީ ގޮތުން ޝަރުޠު ހަމަވެފައިވަނީ އަޙްމަދު ޝަފްނީޒާއި އަޙްމަދު މަޢުޞޫމް އެވެ. ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު ދެއްވި މާކްސްގައި، ދެ ބޭފުޅުންނަށްވެސް ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިވަޑައިގެންފައެވެ.
މި މަޤާމަށް ހޮވިވަޑައިގެންނެވި އަޙްމަދު ޝަފްނީޒް މިހާތަނަށް އަދާކުރައްވަމުން ގެންދެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ.