ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސުން ހާމަކުރެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ތައިލެންޑް މަގުން ރާއްޖެ އައި ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުން ހުއްޓުވައި، ސުވާލުކޮށް ބަލައިފާސްކުރީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެންނެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ ފަސިންޖަރަކު ކަސްޓަމްސްއިން އަތުލައިގެންފި.
🔹ތާރީޚް: 25 ސެޕްޓެންބަރު 2026
🔹ބާވަތް: 51.6 ގްރާމް މޯފިން، 424 ގްރާމް ކޮކެއިން، 708.2 ގްރާމް ހެރޮއިން
🔹ޖުމްލަ ބަރުދަން: 1183.8 ގްރާމް (142 ބުލެޓް) pic.twitter.com/Xpiz2eAZWA— Maldives Customs Service (@CustomsMv) October 19, 2026
މި ބަލައިފާސްކުރުމުގެ ތެރޭގައި، އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު ޖުމްލަ 142 ބުލެޓް ފެނިފައިވެއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފުސީލާއި ބަރުދަން:
- 708.2 ގްރާމް ހެރޮއިން
- 424 ގްރާމް ކޮކެއިން
- 51.6 ގްރާމް މޯފިން
މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 1،183.8 ގްރާމް (1.18 ކިލޯގްރާމް) ކަމަށްވެސް ކަސްޓަމްސުން މައުލޫމާތު ދެއްވައެވެ.