ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން” ކޯޕަރޭޓް ގަވަނަންސް ކޯޑް 2025 “އަށް އެންމެ ފުރިހަމައަށް ޢަމަލުކުރި ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުރިއަށްގެންދިޔަ އެސެސްމަންޓުގައި އެސްޓީއޯ ވަނީ 97.5 އިންސައްތައިގެ މަތީ ކޮމްޕްލަޔަންސް ރޭޓެއް ހާސިލުކޮށްފައެވެ. ސީއެމްޑީއޭގެ ރިޕޯޓުގައިވާ ގޮތުން، މި އެސެސްމަންޓުގައި ބައިވެރިވި ލިސްޓެޑް ކުންފުނިތަކުގެ އެވްރެޖް ކޮމްޕްލަޔަންސް ރޭޓަކީ 92.9 އިންސައްތައެވެ. އެހެންކަމުން އެސްޓީއޯ ހޯދި ނަތީޖާއަކީ ޤައުމީ އެވްރެޖަށްވުރެ 4.6 އިންސައްތަ މަތީ ނަތީޖާއެކެވެ. މިއީ ރާއްޖޭގެ ލިސްޓެޑް ކުންފުނިތަކުގެ ހިންގުން ދުވަހުން ދުވަހަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެކެވެ.
މި އެސެސްމަންޓް ކުރިއަށްގެންގޮސްފައިވަނީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ 8 ކުންފުންޏެއްގެ މައްޗަށެވެ. އެއީ:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
އެލައިޑް އިންޝުއަރެންސް (އޭޓީއެމް)
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
ދިވެހިރާއްޖޭގެ ގުޅުން / ދިރާގު (ޑީއެޗްއާރު)
އުރީދޫ މޯލްޑިވްސްގެ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ އޯއެމްޕީއެލް
މި އެސެސްމަންޓުގައި ސީޕީއެލްސީ އާއި އިތުރު ބައެއް ކުންފުނިތައް ނުހިމެނުނީ، ކަނޑައެޅިފައިވާ ސުންގަޑި ކަމަށްވާ ޖޫން 30 ގެ ކުރިން އެ ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ޝާއިޢުކޮށްފައި ނުވާތީއެވެ. މި އެސެސްމަންޓުން އެންމެ މަތީ ނަތީޖާއެއް އެސްޓީއޯ އިން (97.5 އިންސައްތަ) ހޯދިއިރު، އެންމެ ދަށް ނަތީޖާއެއް ލިބިފައިވަނީ 88.6 އިންސައްތައާއެކު އެމްޓީޑީސީ އަށެވެ.
ކުންފުނިތަކުގެ އަހަރީ ރިޕޯޓުތަކާއި ކަމާގުޅޭ އެހެނިހެން ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ހެދި މި އެސެސްމަންޓުގައި ޖުމްލަ 633 މިންގަނޑަކަށް ބަލާފައިވެއެވެ. މީގެތެރެއިން 588 މިންގަނޑަކަށް ކުންފުނިތަކުން ފުރިހަމައަށް ޢަމަލުކޮށްފައިވާއިރު، އިސްލާޙުކުރަންޖެހޭ 45 ކަމެއް ވަނީ ފާހަގަކުރެވިފައެވެ.
ސީއެމްޑީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެސްޓީއޯ އިން ވަނީ ވޭތުވެދިޔަ އަހަރު ޑިރެކްޓަރުން ތަމްރީނު ކުރުމަށް 8 ޕްރޮގްރާމެއް ހިންގައި، ޖުމްލަ 1،025،597 (އެއް މިލިއަން ފަންސަވީސް ހާސް ފަސްސަތޭކަ ނުވަދިހަ ހަތެއް) ރުފިޔާ ހޭދަކޮށްފައެވެ. މީގެއިތުރުން، ހިންގުމުގެ ނިޒާމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައި މަހަކު އެއްފަހަރު ނެރޭ ނިއުސްލެޓާގެ 12 ޢަދަދު ވެސް އެ ކުންފުނިން ވަނީ ޝާއިޢުކޮށްފައެވެ. ބައެއް ކުންފުނިތަކުން މި މިންގަނޑުތައް ފުރިހަމަކޮށްފައި ނުވި ނަމަވެސް، އެސްޓީއޯގެ މި އިސްނެގުމަކީ ބޯޑުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރިޕޯޓުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ކުންފުނީގެ ބޯޑު މެންބަރުންގެ ތިންބައިކުޅަ އެއްބައި ކޮންމެ އަހަރަކު އަލުން އިންތިޚާބު ކުރުމަށް އޮންނަ މާއްދާއެވެ. މިއީ ހިއްސާދާރުންގެ ދައުރު ފުޅާކޮށް، ބޯޑުގެ ޖަވާބުދާރީވުން އިތުރުކުރުމަށް ކަނޑައަޅާފައިވާ މުހިންމު އަސާސެކެވެ.
އެސެސް ކުރެވުނު 8 ކުންފުނީގެ ތެރެއިން މި މާއްދާއަށް ފުރިހަމައަށް ޢަމަލުކޮށްފައިވަނީ ހަމައެކަނި އެސްޓީއޯ އިންނެވެ. އަނެއް 7 ކުންފުނިން މި މިންގަނޑު ފުރިހަމަކޮށްފައެއް ނުވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މާއްދާއަށް ޢަމަލުނުކުރާ ނިސްބަތް 2024 ވަނަ އަހަރު 0 އިންސައްތައިގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 87.5 އިންސައްތައަށް އުފުލިފައެވެ. މިއީ ހުރިހާ ކުންފުނިތަކަކުން ވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ސީއެމްޑީއޭ އިން ފާހަގަކުރެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މި ރިޕޯޓުން ހާމަވާ ގޮތުގައި، އެސްޓީއޯ އަކީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ތަންފީޒުކުރުމުގައި ރާއްޖޭގެ އެހެން ކުންފުނިތަކަށް ނަމޫނާ ދައްކަމުން އަންނަ އިސް ސަފުގެ ކުންފުންޏެކެވެ. ނަމަވެސް، މިއީ އަބަދުވެސް ދަމަހައްޓަންޖެހޭ ޒިންމާއެއް ކަމަށާއި، އިސްލާޙުކުރަން ހުރި ދާއިރާތަކަށް ހުރިހާ ކުންފުނިތަކުން ވެސް އަބަދުމެ ސަމާލުކަން ދޭންޖެހޭނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ސީއެމްޑީއޭގެ އެސެސްމަންޓުން އެސްޓީއޯ ހޯދި 97.5 އިންސައްތައިގެ ފަޚުރުވެރި ކާމިޔާބީއަކީ މުޅި ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވެސް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. ޚާއްޞަކޮށް ޑިރެކްޓަރުން ތަމްރީނުކުރުމަށް ކުރި އިންވެސްޓްމަންޓާއި، ގަވާއިދުން ނެރުނު ގަވަނަންސް ނިއުސްލެޓަރުތަކުގެ އިތުރުން، ބޯޑުގެ ތިންބައިކުޅަ އެއްބައި މެންބަރުން އަހަރަކު އެއްފަހަރު އިންތިޚާބުކުރުމުގެ މިންގަނޑަށް އެ ކުންފުނިން ފުރިހަމައަށް ޢަމަލުކޮށްފައިވުމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެކެވެ.