ޚަބަރު

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ ޝަރަފުވެރި އެވޯޑަށް ވިދިވިދިގެން ހަތްވަނަ ފަހަރަށް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެ

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ ޝަރަފުވެރި އެވޯޑަށް ވިދިވިދިގެން ހަތްވަނަ ފަހަރަށް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމު ކަމުގައިވާ” ވޯލްޑް ޓްރެވަލް އެވޯޑްސް “ގެ 2026 ވަނަ އަހަރުގެ” ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން “ނުވަތަ ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑަށް ދިވެހިރާއްޖެ އަނެއްކާވެސް ނޮމިނޭޓްވެއްޖެއެވެ. މިއީ ވޭތުވެދިޔަ ހަ އަހަރު މެދުކެނޑުމެއްނެތި ރާއްޖެއިން ދަމަހައްޓަމުން އަންނަ ފަޚުރުވެރި ކާމިޔާބީ ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ދިވެހިރާއްޖެއިން އެންމެ ފުރަތަމަ މި އެވޯޑު ކާމިޔާބުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޭތުވެދިޔަ ކޮންމެ އަހަރަކުވެސް ރާއްޖެއިން ވަނީ މި ޝަރަފުވެރި މަޤާމު ކާމިޔާބުކަމާއެކު ދިފާޢުކޮށްފައެވެ. 2026 ވަނަ އަހަރުގެ މި ގިންތިން ރާއްޖެއާ ވާދަކުރާ ޤައުމުތަކުގެ ތެރޭގައި ކޮސްޓަރިކާ، ދުބާއީ، ޖެމެއިކާ، ނިއުޒީލަންޑް، ޕެރޫ، ޕޯޗުގަލް، ޓެންޒޭނިއާ، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

މި އެވޯޑަށް ވޯޓުލުމުގެ ފުރުޞަތު 30 އޮކްޓޫބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ވިޒިޓް މޯލްޑިވްސް އިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓުގައި ރަޖިސްޓްރީވެ، އީމެއިލް ވެރިފިކޭޝަން ފުރިހަމަކުރުމަށްފަހު، ރާއްޖެއަށް ވޯޓު ދެއްވުމަށް ޢާންމުންގެ ކިބައިން އެދިފައެވެ.

މި ނޮމިނޭޝަނާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ތަފާތު ދާއިރާތަކަށް އަލިއަޅުވާލާފައެވެ. އޭގެ ތެރޭގައި ފީނުމާއި ރާޅާއެޅުމުގެ އިތުރުން، ދިވެހި ކެއުންތަކާއި އަތްތެރި މަސައްކަތްތައް ހިމެނޭހެން ސަގާފީ ފަތުރުވެރިކަމުގެ މުއްސަނދިކަން ފާހަގަކޮށްފައިވެއެވެ. އަދި ރިސޯޓު ފަތުރުވެރިކަމުގެ އިތުރުން، ޢާއިލީ ޗުއްޓީތަކަށާއި، ދުޅަހެޔޮކަމުގެ (ވެލްނަސް) ދަތުރުތަކަށް، އަދި ވިޔަފާރީގެ އެކި ބައްދަލުވުންތައް ބޭއްވުމަށްވެސް ރާއްޖެއަކީ އެންމެ އެކަށޭނަ މަންޒިލްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މީގެއިތުރުން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާއި، އެތެރޭގެ އުދުހުންތަކާއި، ލޯންޗު އަދި ސީޕްލޭންގެ ފުރިހަމަ ޚިދުމަތްތަކަކީ ރާއްޖޭގެ ރަށްތަކަށް ފަތުރުވެރިން ދަތުރުފަތުރުކުރުމުގައި ލިބިދޭ މުހިންމު ލުއިފަސޭހަތަކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ ފަތުރުވެރިކަމުގެ މައިގަނޑު ބިންގާ ކަމަށްވުމާއެކު، ރާއްޖޭގެ ކަނޑުފަޅުތަކާއި ދިރުންތައް ޙިމާޔަތްކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކަށްވެސް ވިޒިޓް މޯލްޑިވްސް އިން ވަނީ އަލިއަޅުވާލާފައެވެ.

1993 ވަނަ އަހަރު ތަޢާރަފުކުރެވުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަނެ، އަގުވަޒަންކުރުމަށް ދެވޭ އެންމެ މަތީ ފަންތީގެ އެވޯޑެވެ. މި އެވޯޑުގެ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަގުނަ ޝަރަފުވެރި ކާމިޔާބީތަކެއް ރާއްޖެއިން ވަނީ މީގެ ކުރިންވެސް ހާސިލުކޮށްފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top