ކުރިއަށް އޮތް 2026/2027 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ބާރުބޮޑު ދުވަސްވަރާ ދިމާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ އޮޕަރޭޝަންތައް ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން” ވިންޓަރ ރެޑިނަސް 2026/2027 “ގެ ޚާއްޞަ ބައްދަލުވުން ބާއްވައިފިއެވެ.
އެއާޕޯޓުގެ އެކި ދާއިރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ކުރިއަށް އޮތް ސީޒަނުގައި އެންމެ އިސްކަންދޭނެ އޮޕަރޭޝަނަލް ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ދިމާވެދާނެ ގޮންޖެހުންތައް ދުރާލައި ދެނެގަނެ، ދަތުރުވެރިންނަށާއި ފްލައިޓްތަކަށް ދެވޭ ޚިދުމަތްތައް ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޑިޕާޓްމަންޓްތަކުގެ މެދުގައި ވިލަރެސްކުރުން އިތުރަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.
އެމް.އޭ.ސީ.އެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ދަތުރުތަކާއި ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާ މި ދުވަސްވަރު، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައެއްގައި ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް މި ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. މީގެ އިތުރުން، އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ޑިޕާޓްމަންޓްތަކުގެ މެދުގައި އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތަކާ މެދުވެސް ޚިޔާލު ބަދަލުކުރެވުނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މައި މޫސުމާ ދިމާކޮށް ބޭއްވި މި ބައްދަލުވުމަކީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމް.އޭ.ސީ.އެލް ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް 17,746 އަށްވުރެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑުކުރެވިފައިވެއެވެ. މިއީ އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވާ މިންވަރު ހާމަކޮށްދޭ އަދަދެކެވެ.
ކުރިއަށް އޮތް 2026/2027 ގެ ސީޒަނުގައިވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭތީ، ކިއޫތައް ކުޑަކޮށް ޚިދުމަތުގެ ދުވެލި އަވަސްކުރުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން، ޓާމިނަލްގެ ޖާގަ އިތުރުކުރުމުގެ ގޮތުން އިތުރު ޗެކް-އިން ކައުންޓަރުތަކާއި ރިމޯޓް ގޭޓްތައް ތަޢާރަފުކޮށް، ދަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން، ސެކިއުރިޓީ ބަލައިފާސްކުރުމުގެ ނިޒާމު ހަރުދަނާކޮށް އަވަސްކުރުމަށް ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އިމިގްރޭޝަން ކްލިއަރެންސް އަވަސްކުރުމަށް “އީ-ގޭޓް” ތަކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދެއެވެ.
މި ހުރިހާ ބަދަލުތަކަކީވެސް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓަމުން، ފަސިންޖަރުންނަށް ލުއިފަސޭހަ އަދި ހިތްހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ގެނެވޭ ބަދަލުތަކެކެވެ. އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ފަހުކޮޅުން ފެށިގެން އައު އަހަރުގެ ކުރީކޮޅަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެވެ.
އެމް.އޭ.ސީ.އެލް އިން ޔަޤީންކަން ދޭ ގޮތުގައި، މި ތައްޔާރީތަކުގެ މައިގަނޑު އަމާޒަކީ ދަތުރުވެރިން އިތުރުވާ ވަގުތުތަކުގައި ވެސް އެއްވެސް ދަތިކަމެއް ނެތި، މެދުކެނޑުމެއްނެތް ފުރިހަމަ ޚިދުމަތެއް އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.