ޚަބަރު

މާލެ ސަރަޙައްދުގައި ކަނޑުއަޑިން ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާތައް އެމްޑަބްލިޔުއެސްސީން ފަށައިފި

މާލެ ސަރަޙައްދުގައި ކަނޑުއަޑިން ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާތައް އެމްޑަބްލިޔުއެސްސީން ފަށައިފި

މާލެ ސަރަޙައްދުގައި ކަނޑުއަޑިން ފެން އުފައްދާ ނިޒާމެއް (ސަބްސީ ޑީސެލިނޭޝަން) ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ ޢަމަލީ ދިރާސާތައް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލުވުމަށްޓަކައި، އެންމެ ޒަމާނީ އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތައް އެ ކުންފުނިން ދަނީ ބަލަމުންނެވެ.
އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ތެރެއިން’ ފްލޯޝަން ‘ގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގާފައެވެ. ފުރަތަމަ މުޢާޔަނާއިން ދައްކާ ގޮތުގައި މިއީ އާދަޔާ ޚިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން މިކަން ކަށަވަރުވެއްޖެނަމަ، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ޤުދުރަތީ މަޞްދަރަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ޤުދުރަތީ’ ހައިޑްރޯސްޓެޓިކް ޕްރެޝަރު ‘ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް މަރުޙަލާ ފުރިހަމަކުރާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓު ޚަރަދު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. މީގެއިތުރުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައްވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.
މި ދިރާސާއިން ލިބޭ ނަތީޖާއަށް ބަލައި، ފަންނީ ގޮތުންނާއި ވިޔަފާރީގެ ގޮތުން މި ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ވަސީލަތެއްތޯ އެމްޑަބްލިޔުއެސްސީން ވަޒަންކުރާނެއެވެ. މިއީ ރާއްޖެއަށް އައު، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވެފައިވާ ދިގުމުއްދަތުގެ ވަޢުދަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top