ޚަބަރު

ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް: ސަރުކާރު

ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް: ސަރުކާރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ވެފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި ގާތް ގުޅުން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމުގައި ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
ރާއްޖޭގެ މާލީ ހާލަތަށް ލުއިފަސޭހަކަން ހޯދައިދިނުމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިވުމުގެ މަގުސަދުގައި ދޫކޮށްފައިވާ މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްފައިވާކަން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކުރުމުން ދައްކުވައިދެނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ އަދި ޒަމާންވީ އެކުވެރިކަމުގެ ބަދަހިކަމެވެ. އަދި އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ރާއްޖެއަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އިޚުލާޞްތެރި ޝުކުރު އަދާކުރައްވާފައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިންޑިއާ ހިމެނޭހެން ބައިނަލްއަޤުވާމީ ބައިވެރިންނާ އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެފަރާތަށް ވެސް ލާބަޔާއި މަންފާ ލިބެނިވި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ސަރުކާރުން ދެމިއޮންނާނީ ސާބިތުކަމާއެކުގައެވެ.
ހަމައެއާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ’ ނެއިބަހުޑް ފަސްޓް ‘ސިޔާސަތުގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި މި ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.
އިންޑިއަން ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މި ފެސިލިޓީއަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސާކް ކަރަންސީ ސްވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ވެސް، ރާއްޖޭގެ މާލީ ހަމަޖެހުމަށް އެހީތެރިވުމުގެ ގޮތުން 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޒަރީ ބޮންޑް އިންޑިއާއިން ވަނީ ގަނެދީފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލްތައް ދިވެހި ދައުލަތުން ދައްކައި ޚަލާސްކުރިއިރު، އޭގެ އިންޓްރެސްޓްގެ ގޮތުގައި އެރި 42.8 މިލިއަން ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ.
ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި ކަރަންސީ ސްވަޕް ފެސިލިޓީއާއި، ޓީ-ބޮންޑް އަދި ޓީ-ބިލްގެ އެހީތެރިކަމަކީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް ލިބިގެންދިޔަ ނުހަނު މުހިންމު ބާރެކެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top