ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ހާމަކޮށްފައިވާއިރު، ޑރ. އަޒުވަރަކީ މިހާރުވެސް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މި ބަދަލަކީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމަކަށް އައުމުން، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައިގަނޑު އެއް ކުންފުންޏަކަށް ސްޓެލްކޯ ވެގެންދާނެއެވެ.
މީގެއިތުރުން، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ހ. ހުދުރިޔާ، އިބްރާހިމް ނިޠާމް ވެސް އައްޔަނުކުރައްވާފައިވާ ކަމަށް ޕީސީބީން ވަނީ މަޢުލޫމާތު ދީފައެވެ.