ކ. ގާފަރު ކައިރިއަށް ބަންޑުންޖަހައިލި” ހޯކްސް ވޮޔޭޖް “ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި އިސްނަގައި، ނަމޫނާ ހިތްވަރެއް ދެއްކި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިސަރަކަށް “ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް” މިއަދު އަރުވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އޮފިސަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި ޝަރަފުވެރި އެވޯޑު ޙާޞިލުކުރެއްވި ތިން އޮފިސަރުންނަކީ:
ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245)
ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279)
ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852)
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. އެ ދުވަހު” ހޯކްސް ވޮޔޭޖް “ބަންޑުންޖަހައިލުމާ ގުޅިގެން އޭގައި ދަތުރުކުރި 10 މީހުން ކަނޑުވިއެވެ. މޫސުން އިންތިހާއަށް ގޯސްވެ، ކަނޑުގަދަވި އެ ނާޒުކު ދަނޑިވަޅުގައިވެސް، މި އޮފިސަރުން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ކުރެއްވި މިންނެތް މަސައްކަތުން، މާތް ﷲ ގެ ވާގިފުޅާއެކު އޭގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކޮށްދީފައެވެ.